އިސްތިއުފާ ދިނީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމަށް އެމެރިކާއިން ތާއީދުކުރާތީ ކަމަށް އެމެރިކާގެ ކުރީގެ އަސްކަރީ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ހެރިސަން މޭން ބުނެފިއެވެ.

އޭނާ އިސްތިއުފާ ދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.

ހެރިސަންއަކީ އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާތީ ވަޒީފާއިން ވަކިވި އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ) ގެ ފުރަތަމަ އޮފިޝަލެވެ. އޭގެފަހުން އެމެރިކާގެ ވައިގެ ސިފައިންގެ މީހަކު ފެބްރުއަރީ މަހު ވަނީ އަމިއްލަ ގައިގައި އަލިފާން ރޯކޮށް މަރުވެފައެވެ.

އަދި އެމެރިކާގެ އަސްކަރިއްޔާގެ ބައެއް މުވައްޒަފުން ވަނީ އެމެރިކާއިން އިސްރާއީލަށް ތާއީދުކުރާތީ އެކަމާ ދެކޮޅަށް މުޒާހަރާވެސްކޮށްފައެވެ.

އިސްތިއުފާދިން ސަބަބު މިހާތަނަށް ވެސް ސިއްރުންކޮށްފައި ބޭއްވީ ބިރުން ކަމަށް ބުންޏެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މެރުމަށް މެދުވެރިވި އެމެރިކާގެ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތް ކޮށްދެވުމުން އެކަމާ މިހާރު ލަދުގަންނަ ކަމަށްވެސް ހެރިސަން ބުންޏެވެ.

ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތައިލުމުގެ މަގުސަދުގައި އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދަމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 35،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 78،827 އަށް އުފުލިފައެވެ.

އިސްރާއީލުގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ބޭނުންވާ އިންސާނީއެހީ ނުލިބި، ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން އެތައް ބަޔަކު ވަނީ މަރުވެސްވެފައެވެ.