14 May 2024, 09:46
މިއަދު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓު އޮފީހުން މިއަދު ބުނެފިއެވެ.
އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އުތުރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އޮފީހުން ލަފާ ކޮށްފައިވެއެވެ. އަދި ވަޔަށް ބަލާއިރު ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް އެ އޮފީހުން ބުނެއެވެ.
އަދި ވިއްސާރަ ދުވަސް ދުވަހު ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މެދު ރާއްޖެތެރެއާއި ދެކުނަށް ބަލާއިރު، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އޮފީހުން ލަފާ ކޮށްފައިވެއެވެ.
އަދި ކަނޑުތަށް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ވެސް އުތުރުގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާ ކޮށްފައިވާއިރު މެދު ރާއްޖެތެރެއަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ވެސް މެޓުން ބުނެފައިވެއެވެ.
އަދި، ކަނޑުތައް ވެސް ގަދަ ވުމާއެކު މެޓު އޮފީހުން ވަނީ ވާރޭ ވެހޭ އިރު ކަނޑު ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އެހެން ނަމަވެސް އާދައިގެ ވަރަކަށް އޮންނަ އިރު ކަނޑު ދަތުރު ކުރުމަކުން މައްސަލައެއް ނެތް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
މެޓު އޮފީހުން ބުނީ މިހާރު ހުރިހާ ހިސާބަކަށް ވެސް ހާލަތު އޮތީ ވައިޓް އެލާޓުގައި ކަމަށެވެ.
އަދި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވެ ތިބުމަށް ވެސް އެ އޮފީހުން އިލްތިމާސް ކުރެއެވެ.