ހުޅުމާލޭ ސައި ހޮޓަލެއް ތެރޭގައި ދިވެއްސަކާއި ބިދޭސިއަކާ ދެމެދު ރޭ މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލޭ ސައި ހޮޓަލެއްގައި މާރާމާރީއެއް ހިންގައިގެން ރޭ 00:26 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރަނީ ދިވެހި މީހާއަށެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

އެކަމަކު، މާރާމާރީ ހިނގަން މެދުވެރިވީ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. މި މާރާމާރީގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.