15 May 2024, 07:49
އާކްޓިކްގެ ރަށްތަކެއް ހިމެނޭ ސްވަލްބާޑްގެ ޕްރައިވެޓް ބިމެއް 300 މިލިއަން ޔޫރޯ (324 މިލިއަން ޑޮލަރު) އަށް ވިއްކަން އިއުލާނުކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ރިއަލްއެސްޓޭޓް ލިސްޓިން އެއް ކަމަށްވާ "ނައިޓް ފްރޭންކް"ގައި މި ބިން ވިއްކުމަށް ވަނީ އިއުލާނުކޮށްފައެވެ. ނައިޓް ފްރޭންކްގެ އޭޖެންޓެއް ބުނާ ގޮތުގައި މި ބިމަކީ 23.2 ސްކުއެއާ މައިލްސްގެ ބޮޑު ބިމެއް ކަމުގައެވެ.
މި ބިމަކީ ތިމާވެށި، ސައިންޓިފިކް އަދި އިގުތިސޯދީ ގޮތުން ބޮޑު މުހިއްމު ކަމެއް އޮތް ބިމެއް ކަމަށް ވެސް އޭޖެންޓް ފާހަގަކުރެއެވެ.
ސްވަލްބާޑްގެ ރަށްތައް ހިމެނެނީ އުތުރުގެ ތަނޑިއާއި ނޯވޭ އާ ދެމެދުގައެވެ. އަދި, ގަނޑުފެން ވިރެމުން ދާ މިންވަރަކަށް މި ރަށްތަކުގެ ޖިއޯޕޮލިޓިކްސްގެ މުހިއްމުކަން އަންނަނީ އިތުރުވަމުން ކަމުގައި ވެސް ފާހަގަކުރެއެވެ. އެއީ, ފެންތައް ވިރޭ އިރަށް މި ސަރަހައްދުން ދަތުރުކުރުމަށް މަގެއް ހެދިގެން ދާނެތީ މިއީ ވިޔަފާރީގެ ގޮތުން ވަރަށް މުހިއްމު ތަނަކަށް ވާނެ ކަމުގައި އޭޖެންޓް ފާހަގަކުރެއެވެ.
މި ބިމަކީ މީގެ ކުރީން ޕްރައިވެޓްކޮށް ވެރިއެއް އޮތް ބިމެކެވެ. ހުޅަނގު ސްވަލްބާޑުގެ ސަރަހައްދެއްގައި ހިމެނޭ މި ބިމަކީ ތިން ގަޑިއިރުގެ ބޯޓު ދަތުރަކުން ފޯރާ ބިމެކެވެ.
މި ބިމަކީ ބޮޑު ބިމަކަށް ވާއިރު މި ބިމުގައި ބޮޑު ޝޯލައިނެއް ވެސް ހިމެނެއެވެ. މި އަތިރި ސަރަހައްދު ނުވަތަ ޝޯލައިންގެ ދިގުމިނުގައި ފަސް ކިލޯމީޓަރު އެބަހުއްޓެވެ. އަދި, އޭގެ އިތުރުން ފަރުބަދަ އާއި ތަފާތު އެކި ދިރުންތައް ވެސް މި ބިމުގައި ހުރި ކަމަށް ލިސްޓިން ގައި ބުނެއެވެ.
މި ބިން ގަންނަ މީހަކަށް ނުވަތަ ބަޔަކަށް، "އެކްޓީސެލްސްކިބެޓް ކުލްސްޕިޑްސް" ނަމަކަށް ކިޔާ ކުންފުންޏެއް ބިމާ އެކު ލިބޭނެއެވެ. ޕްރައިވެޓް މި ކުންފުންޏަކީ މި ވަގުތު ބިމުގެ މިލްކުވެރިކަން އޮތް ކުންފުންޏެވެ.