15 May 2024, 09:17
ހާވާޑް ޔުނިވާސިޓީގެ އެންމެ ދުވަސްވީ ދަސްވެނިވެރިއަކަށް 83 އަހަރުގެ އަންހެނަކުވެއްޖެއެވެ.
މޭރީ ފައުލާ ނަމަކަށް ކިޔާ އެ އަންހެން މީހާ ހާސިލުކޮށްފައިވަނީ ޑޮކްޓަރޭޓް ސެޓްފިކެޓެވެ. އޭނާ, މީގެ ކުރިން ވަނީ ދެ މާސްޓާސް ޑިގްރީ ހާސިލްކޮށްފައެވެ. މޭރީ ޑޮކްޓަރޭޓް ޑިގްރީ ހޯދާފައިވަނީ ތިން އަހަރުންނެވެ.
"އަހަރެން ހިއެއް ނުކުރަން އެއް ސެމިސްޓާއަށްވުރެ ގިނަ ސެމިސްޓާ ކުރިއަށް ގެންދެވިދާނެ ކަމަކަށް. އަހަރެން އެންމެ ފަހުން ކޮލެޖްގައި އުޅުނީ 1959 ވަނަ އަހަރު," ޓީވީއަށް ދިން އިންޓަވިއުއެއްގައި މޭރީ ބުންޏެވެ.
"އަހަރެން ބުނަން ބޭނުންވަނީ އަދި ލަހެއް ނުވެއޭ. އަހަންނަށް އުމުރުން 83 އަހަރު. އަހަންނަށް ވާނަމަ، އެހެން މީހުންނަށްވެސް ވާނެ," މޭރީ އިތުރަށް ބުންޏެވެ.
ހާވާޑް ޔުނިވާސިޓީން ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރުމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ އޭނާގެ މައިންބަފައިން ކިބައިން ކަމަށް މޭރީ ބުންޏެވެ. އަދި, އޭނާގެ މައިންބަފައިން އުފަންވީ ލިޔަން ކިޔަން ދަސްކުރުން މަނާ ޒަމާނެއްގައި ކަމަށާއި، އެ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނީ މޭރީއާއި އާއިލާގައި ދެން ތިބި ކުދިން ކަމަށް ވެސް މޭރީ ބުންޏެވެ.