15 May 2024, 12:25
ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ތިން މީހަކު ހޯދަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ބަޔަކު ފައިސާ ހޯދި މައްސަލައެއް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ހާޒިރުވާން އަންގައިފައިވާ ތިން މީހުންނަކީ:
ޢަލީ ޝަރީފް / ހއ. ތުރާކުނު، އަސުރުމާގެ (25އ)
- ޢަލީ ޝަމީމް / ލ. ގަން، މަތިމަރަދޫ، ނަޔާޗާންދު (37އ)
- ޢާއިޝަތު ނުހާ / އދ. ކުނބުރުދޫ، މާބަގީޗާގެ (24އ)
މި ތިން މީހުން މައްސަލައިގެ ތަހުގީގަށް ސުވާލު ކުރަން ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭންގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އެހެން ކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އަންނަ އަންގާރަ ދުވަހުގެ ކުރިން ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އެ މީހުންނަށް ވަނީ އަންގައިފައެވެ.
މި ފަހަކަށް އައިސް މަކަރާއި ހީލަތް ހެދުން ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ވެސް މަކަރާއި ހީލަތް ހެދި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފައިވެއެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލައެވެ. ނަމަވެސް، ސްކޭމްތަކުގައި ވީ ފައިސާގެ ގެއްލުމުގެ އަދަދު 2022ވަނަ އަހަރަށް ވުރެ 2023 ގައި ވަނީ ބޮޑުވެފައެވެ.
މި އަހަރު ވެސް ބޮޑެތި އަދަދުތަކަކުން ސްކޭމްކުރި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.