މާދަމާ ރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ވެސް މޫސުން ގޯސް ވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓްއިން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، މާދަމާ ރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިގޮތުން މެޓްއިން ބުނީ މި ފަސް ދުވަހުގައި އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓްއިން ބުންޏެވެ.

މި ދުވަސްވަރުގައި ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މެޓްއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މެޓްއިން އިލްތިމާސް ކުރީ ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ސަލާމާތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

މޫސުމީ ބަދަލުތަކާއެކު، ވާރޭ ވެހޭ މިންވަރަށް ވެސް އަންނަ ބަދަލުތަކާ ހެދި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބެއެވެ.