މާދަމާ ރެއިން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިއަށް އޮތް ފަސް ދުވަހު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާތީ ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިގޮތުން ރައްކާތެރިވުމަށް އެޅޭނެ ބައެއް ފިޔަވަޅުތަކަކީ:

  • ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވުން

  • ގެއަށް ފެން ނުވަންނާނެ ގޮތަށް ވެލި ބަސްތާ ފަދަ ތަކެތި ޖެހުން
  • ގޭގައި ފެންބޮޑުވެއްޖެ ހާލަތެއްގައި، ގެއްލުންވާފަދަ ތަކެތި އުސް ތަންތަނަށް ބަދަލުކުރުން
  • އުސް ތަންތަނަށް ބަދަލުނުކުރެވޭ ތަކެތި ފެން ނުފޯރާ ހިސާބަށް ބަދަލުކުރުން
  • ގޭގެ ފުރާޅު އެއްލައިލާނެ ކަމަށް ލަފާ ކުރެވޭނަމަ، ކުރިއާލާ ރައްކާތެރިކުރުން
  • ވައިގެ ސަބަބުން އެއްލާލާނެ ފަދަ ތަކެތި ބަނނުން
  • ބޭނުންނުކުރާ ކަރަންޓު ސާމާނު ނިއްވާލާފައި ބެހެއްޓުން
  • ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުވުން
  • ކަނޑު ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަން ފުރިހަމަކުރުން

ވިއްސާރަވެ ކަނޑުގަދަވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޓް އޮފީހުން ބުނީ، މި ފަސް ދުވަހުގައި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މި ދުވަސްވަރުގައި ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.