މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން، ރައީސް ދެއްވާ ޚާއްސަ ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން އެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލައިފިއެވެ.

މަތީ ތައުލީމާ ބެހޭ މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުންވާ ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައިދޭނެއެވެ.

އެ ސްކޮލާޝިޕް ލިބުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ:

1. ރާއްޖޭގެ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާބު ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނު ހެދި ދިވެހި ދަރިވަރަކަށްވުން.

2. އިސްލާމާއި ދިވެހި ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދާފައިވުން އަދި ޖީސީއީ އޯލެވެލް/ އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން ސީއިން ފެށިގެން މަތީ ފާހެއް ހޯދައިފައިވުން

ނުވަތަ

ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކުން މިދިޔަ އަހަރު ޝަހާދާ ސާނަވީ އިމްތިހާނު ހެދި ދަރިވަރެއް ނަމަ

(ހ) ޝަހާދާ ސާނަވީ އިމްތިހާނުން ފައިނަލް އެވްރެޖްގައި އޭ ސްޓާ ފާހެއް ހޯދައިފައިވުން އަދި

(ށ) އެޗްއެސްސީ ދިވެހި މާއްދާއިން އޭ ސްޓާ ފާހެއް ހޯދައިފައިވުން އަދި

(ނ) ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން ސީއިން ފެށިގެން މަތީ ފާހެއް ހޯދައިފައިވުން

ނުވަތަ

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ސާނަވީ އިމްތިހާނުން އެއް ވަނަ ހާސިލުކުރުން

ރައީސް ދެއްވާ ސްކޮލާޝިޕްގެ އިތުރުން ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމަށް ވެސް ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ 'ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓް'ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމަށް ފުރުސަތު ލިބޭނެއެވެ.

އެ ދެ ސްކޮލާޝިޕަށް ވެސް ލިޔެކިޔުން ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ. ދެ ސްކޮލާޝިޕަށް ވެސް ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި 31ގެ 13:30އެވެ.

އެ ސްކޮލާޝިޕްތަކުގެ އުސޫލާއި އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެވެބްސައިޓުންލިބެން ހުންނާނެއެވެ. އަދި 3026947އަށް ގުޅުމުން ވެސް މައުލޫމާތު ސާފު ކުރެވޭނެއެވެ.