ރާއްޖޭގެ ތާރީޚުގައި އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓު އަދި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއަށް، އެ މުބާރާތުގައި ވާދަކުރުމަށާއި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރުން ދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ.

މިއަދު ރާއްޖެ ގަޑިން 14:45 ގައި ފެށި ފައިނަލް މެޗް ދީމާ ހަތަރު ސެޓް އެއް ސެޓުން ކާމިޔާބު ކުރީ ސްރީލަންކާގެ ބަންޑާރަ ބިމަންދީއާ ވާދަކޮށެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަދު ރައީސް، ދީމާގެ އާއިލާއާ ފޯނުން ގުޅުއްވައި ދީމާގެ ތާރީޚީ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ހިތްވަރުދެއްވިއެވެ.

ރައީސް ފޯނުން ދެއްކެވި ވާހަކައިގައި، މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފުވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިއަކު ހާސިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރީންނާ ވާދަކޮށް ރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު ހޯދި ބޮޑު ކާމިޔާބީއަށް މުޅި ރާއްޖެ ފަޚުރުވެރިވާކަން ރައީސް ފާހަގަކުރެއްވި ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ރައީސް ވަނީ ދީމާއަކީ ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވައި އޭނާ ކުޅިވަރުގެ ރޮނގުގައި ވަރަށް ޅަ އުމުރުގައި ހޯދަމުންދާ ހަލުވި ކާމިޔާބީތަކާއި ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރު ފާހަގަކުރައްވައިފައެވެ. އަދި އެގޮތުގައި ވަރުގަދަ އަޒުމަކާއެކު ހުއްޓުމެއްނެތި ކުރިއަށްދިއުމަށް އެ ފޯންކޯލުގައި ރައީސް އެދިވަޑައިގަތެވެ.

"އަދި މިއީ ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި 206 ގައުމެއް ބައިވެރިވާއިރު، އެ މުބާރާތް ކުރިއަށްދާނީ ފްރާންސުގެ ޕެރިހުގައި ޖުލައި 26އިން އޮގަސްޓް 11އަށެވެ.