ވަރަށް ގިނަ މީހުންނަކީ ހަފުތާ ބަންދުގައި އަދި ޗުއްޓީ ދަތުރުތަކުގައި ރާއްޖޭގެ އެކި ހިސާބަށް ދަތުރުކުރުމަށް ޝައުގުވެރިވެއެވެ. ރީތި މޫދަކާ ދޮންވެލިގަނޑެއް އޮތް ހިތްގައިމު ރަށަކަށް ނުވަތަ ބޭރު ޤައުމަކަށް މިގޮތަށްދާ ޗުއްޓީ ދަތުރުތަކުގައި ހުސްފަޔާ އެކު ދޮންވެލިގަނޑު މަތީ ހިނގާލުމުގެ ޝައުގުވެރިކަން ހުންނަނީ ތިޔައިގެ ކިތައް މީހުންގެ ހެއްޔެވެ؟

ހުސްފަޔާ އެކު ހިނގާ ބިނގާވެ އުޅުމުގެ އިތުރަށް ބައެއް މީހުންނަކީ ހުސްފަޔާ އެކު ކަސްރަތަށް ކުރުމަށް ދުވަން ވެސް ލޯބިކުރާ މީހުންނެވެ. ހުސްފައިގައި ދޮންވެލިގަނޑު މަތީ ހިނގާލުމުގެ ފަހަތުގައި އެތަކެއް ފައިދާތަކެއް ހުރިއިރު ފައިވާން ނުވަތަ ބޫޓަށް ބަރޯސާވުން މިފަދަ މާހައުލެއްގައި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ.

ފައިވާން ނުވަތަ ބޫޓަށް ބަރޯސާވުން ދޫކޮށްލުމަށްފަހު ދުވަހުގެ ކޮމްވެސް އެއް ވަގުތެއް ހުސްފައިގަ ވެލިގަނޑުމަތީ ހިނގާލުމަށް ހުސްކުރުމަކީ މުހިއްމު ކަމެއް--ފޮޓޯ/ޕިންޓްރެސްޓް
ފައިތިލައިގައި ޕްރެޝަރު ޕޮއިންޓްތަކެއް އެކުލެވިގެން ވާއިރު ހުސްފަޔާ އެކު ދޮންވެލިގަނޑު މަތީ ވަގުތު ކޮޅަކަށް ހިނގާލުމުން ބަލިކަށިވެފައިވާ ފައިގެ ކުދިކުދި މަސްތަކަށް ލުޔެއް ލިބި އިތުރަށް މަސްތައް ވަރުގަދަކޮށްދެއެވެ. އަދި، ވެލިގަނޑުގައި ހިނގާލުމުން ފައިގަ ގިނަ މަސްތައް ހަރަކާތްތެރިވުމަށް ފުރުސަތު ލިބި ހަށިގަނޑުން 50 އިންސައްތަ ކެލޮރީސް އަންދާލުމަށް ފުރުސަތު ފަހިކޮށްދެއެވެ.

ހަމައެއާ އެކު ހުސްފަޔާ އެކު ދޮންވެލިގަނޑެއްގައި ހިނގާލުމަކީ ފަޔަށް ގުދުރަތީ މަސާޖެއް ލިބުން ކަހަލަ ކަމެއް ކަމުން މަސާޖު ކުރާ ތަނަކަށް ދާން އުޒުރުވެރިވާނަމަ މިއީ އެކަން ފޫބައްދާލެވޭނެ ވަރަށް ފަސޭހަ ގޮތެކެވެ.

ކޮންމެހެން ޗުއްޓީ ދަތުރެއްގައި ނޫނަސް ދިރިއުޅޭ މާހައުލަކީ ދޮންވެލިގަނޑެއްގެ ވެރި މާހައުލެއް ނަމަ މިއީ ކޮންމެ ދުވަހަކު ވެސް ވަގުތު ހޯދައިގެން ކުރެވިދާނެ ކަމެކެވެ. ދިރިއުޅުމުގެ ކޮންމެ ވެސް އެއް ދުވަހެއް މިކަމަށް ހާއްސަ ކުރެވިއްޖެނަމަ މިއީ ތިމާގެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އިތުރުން ނަފުސާނީ ދުޅަހެޔޮކަންމަތީ ދެމިހުރުމަށް ވެސް ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ.