16 May 2024, 14:37
ޣައްޒާ (16 މޭ 2024): ޣައްޒާއަށް އަރައިގަނެގެންއުޅޭ ޔަހޫދީ ސިފައިންގެ ތެރެއިން ފަސް މީހަކު ހަމާސްގެ ހަމަލާތަކެއްގައި މަރުވެއްޖެކަމަށާއި މިއީ ބޮޑު ގެއްލުމެއް ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއް ބުނާގޮތުން މި ފަސް މީހުންގެ އިތުރުން ޔަހޫދީ ސިފައިންގެ 10 މީހަކު ޒަޚަމްވެސް ވިއެވެ. ހަމާސްއިން ހަމަލާދިނީ ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ އަވަށުގެ އިމާރަތަކަށް އިސްރާއީލު ސިފައިން ވަދެތިއްބައި އެތަން ގޮއްވާލައިގެންކަމަށާއި ޣައްޒާއިން އިސްރާއީލު ސިފައިންނަށް ކުރިމަތިވަމުންދާ ގެއްލުންތަކާމެދު ކަންބޮޑުވުން ވަރަށް ބޮޑުކަމަށް މި ބަޔާން ބުނެއެވެ.
ހަމާސް ބުނާގޮތުން ޖަބާލިޔާ އަވަށުގައި އިއްޔެ މަރާލި އިސްރާއީލު ސިފައިންގެ އަދަދަކީ 12 އެވެ. ހަމާސްގެ ހަމަލާތަކުގައި މަރުވީ އެންމެ ފަސް ސިފައިންކަމަށް ބުނެ އިސްރާއީލު ހަދަނީ ދޮގުކަމަށްވެސް ހަމާސްގެ ބަޔާން ބުނެއެވެ.
އިސްރާއީލުން ބޮން އަޅައި ހަލާކުކޮށްލާފައިވާ އިމާރާތެއްގެ ތެރެއަށް އިސްރާއީލު ސިފައިން ވެއްދީ އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި އިސްރާއީލު ސިފައިން އެތަނަށް ވެއްދުމުގެކުރިން އެތަން ގޮއްވާލުމަށްޓަކައި އެތަނުގައި ގޮވާތަކެތި ހަރުކޮށްފައިވާނެކަމަށް ހަމާސްގެ ބަޔާން ބުނެއެވެ.
އަލްޖަޒީރާގެ އަސްކަރީ މުހައްލިލު ފާއިޒު އައްދުވައިރީ ވިދާޅުވިގޮތުގައި ޣައްޒާއަށް ބޮންއަޅައި އިސްރާއީލުން ހަލާކުކޮށްލާފައިވާ އިމާރާތްތައް ވެގެންދާނީ އިސްރާއީލާ ދެކޮޅަށް ގެރިއްލާ ހަނގުރާމަ ކުރުމަށް ހަމާސްގެ މުޖާހިދުންނަށާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުގެ މުޖާހިދުންނަށް ބޭނުންވާ ވަރަށް މުހިއްމު ތަންތަނަށެވެ. އެތަންތަނުގައި ފިލައިތިބެގެން ވަރަކަށް ކާމިޔާބު ގެރިއްލާ ހަނގުރާމައެއް އިސްރާއީލު ސިފައިންނާ ދެކޮޅަށް ކުރުމުގެ ފުރުސަތު މުޖާހިދުންނަށް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މުޖާހިދުންގެ ރައްދު ހަމަލާތަކުގައި ޒަޚަމްވެފައިވާ ޔަހޫދީ ސިފައިންގެ ބަޔަކު
ހަމާސްގެ މުޖާހިދުން ދިން ހަމަލާތަކެއްގައި މީގެ ދެތިންދުވަސްކުރިންވެސް އިސްރާއީލު ސިފައިންގެ އިތުރު ހަތަރު މީހަކު މަރުވެ 28 މީހަކުވަނީ ޒަޚަމްވެފައެވެ. މުޖާހިދުންގެ ހަމަލާތަކުގައި ޣައްޒާގައި ވަރަށް ގިނައިން އިސްރާއީލު ސިފައިން ޒަޚަމްވެއެވެ. ފާއިތުވެ ދިޔަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް ޣައްޒާގައި އިސްރާއީލުގެ ނުވަ މީހަކު މަރުވެ 120 މީހަކުވަނީ ޒަޚަމްވެފައެވެ.
މި ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލު ސިފައިން ހަމަލާދެނީ ޣައްޒާގެ އާންމުންނަށެވެ. އިއްޔެވެސް އިސްރާއީލުން ޣައްޒާގެ ގެތަކަކަށް ހަމަލާދީ 60 މީހަކުވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ވައްޓާލި ގެތަކުގެ ގާކުނޑިތަކުގެ ތެރެއިން މީހުން ސަލާމަތްކުރަން އުޅުނު މީހުންނަށްވެސް އިސްރާއީލު ސިފައިންވަނީ ހަމަލާދީފައެވެ.