16 May 2024, 22:09
އެޕަލް އިން އެންމެ ފަހުގެ އައިފޯންތަކާއި އައިޕެޑްތަކަށް އައި-ޓްރެކިން ހިމެނޭ ގޮތަށް އެކްސެސިބިލިޓީ ފީޗާތަކެއް އިތުރުކުރަން ނިންމައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އެޕަލްގެ ޑިވައިސްތައް ބޭނުންކުރެވޭ ގޮތަށް ހެދުމުގެ މަގްސަދުގައި އެޕަލް އިން އާ ސޮފްޓްވެއާ އެކްސެސިބިލިޓީ ޓޫލްސްތަކެއް ތައާރަފްކުރަން ނިންމާފައިވާއިރު އޭގެ ތެރޭގައި ފަހުގެ އައިފޯނާއި އައިޕެޑް މޮޑެލްތަކަށް ބިލްޓް-އިން އައި-ޓްރެކިން ވެސް ހިމެނެއެވެ.
"ގްލޯބަލް އެކްސެސިބިލިޓީ އެވެއާނެސް ޑޭ" އާ ދިމާކޮށް އެ ކުންފުނިން ބުނީ އޭ12 ޗިޕްސް ނުވަތަ އެއަށްވުރެ ފަހުގެ އާ އައިފޯނުތަކާއި އައިޕެޑްތަކުގައި ހަމައެކަނި ފްރޮންޓް ފޭސިން ކެމެރާ ބޭނުންކޮށްގެން ލޮލުގެ ހަރަކާތްތައް ބެލުމުގެ ގާބިލްކަން އައިއޯއެސް އާއި އައިޕެޑް އޯސް އަށް ލިބިގެންދާނެ ކަމަށެވެ.
މި އައި ޓްރެކިން ސަޕޯޓްގެ ސަބަބުން އެޕްތަކާއި މެނޫ ފަދަ ސޮފްޓްވެއާ އިންޓަފޭސްތައް ހަމައެކަނި ސްކްރީނަށް ބަލައިގެން ނެވިގޭޓް ކުރެވޭނެއެވެ. "ޑްވެލް ކޮންޓްރޯލް" ނަމަކަށް ކިޔާ ފީޗާއެއްގެ ސަބަބުން ފޯނުގައި ހުންނަ އެޕްތަކަށް ނަޒަރު ހުއްޓައިލައިގެން އެ ތަކެތި ޚިޔާރު ކުރެވޭނެއެވެ.
އައި-ޓްރެކިން ފަންކްޝަނަލިޓީގައި އޮން-ޑިވައިސް އޭއައި ބޭނުންކޮށްގެން އިތުރު ހާޑްވެއާ އެކްސެސަރީޒް ބޭނުން ނުކޮށް ރިއަލް ޓައިމްގައި ބޭނުންކުރާ މީހުންގެ ލޮލުގެ ހަރަކާތްތައް ދެނެގަނެ މާނަކޮށްދެއެވެ. އަދި އެޕަލްގެ އޮޕަރޭޓިން ސިސްޓަމްތަކުގެ އިތުރުން ތާޑް ޕާޓީ އެޕްލިކޭޝަންތަކުގައި ވެސް މި ޓެކްނޮލޮޖީ މަސައްކަތް ކުރާނެއެވެ.
ލޮލުގެ ކޮންޓްރޯލްގެ އިތުރުން އެޕަލް އިން އަންނަނީ ވޮއިސް ބޭސްޑް ކޮމާންޑްތައް ވެސް އިތުރުކޮށް، އެޕްލިކޭޝަންތައް ލޯންޗް ކުރުމަށް ނުވަތަ ކަސްޓަމް ލަފުޒުތަކާއި އަޑުތަކާ އެކު މަލްޓި ސްޓެޕް އެކްޝަންތައް ކުރުމަށް ޕާސަނަލައިޒްޑް ވޯކަލް "ޝޯޓްކަޓްސް" އުފެއްދުމުގެ ފުރުސަތު ޔޫޒަރުންނަށް ލިބޭގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ.
އަދި އޮން-ޑިވައިސް މެޝިން ލަރނިންގ ބޭނުންކޮށްގެން ކޮންމެ ޔޫޒަރެއްގެ ވެސް ވާހަކަ ދެއްކުމުގެ ތަފާތު ވައްޓަފާޅިއަށް ވޮއިސް ރިކޮގްނިޝަން ކަސްޓަމައިޒްކޮށްގެން "އެޓިޕިކަލް ސްޕީޗް" ޕެޓާންތައް ރަނގަޅަށް ދެނެގަތުމުގެ ފުރުސަތު ވެސް މި ޑިވައިސްތަކަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން އެޕަލްގެ ވިޝަންއޯއެސް ޕްލެޓްފޯމްގެ ލައިވް ކެޕްޝަންތަކާއި މަލްޓިލައިން ބްރެއިލް ސަޕޯޓް ފަދަ އިތުރު އަޕްޑޭޓްތައް ހިމެނެއެވެ.
އާ އެކްސެސިބިލިޓީ ޓޫލްސްތަކުގެ ސަބަބުން އެޕަލްގެ އުފެއްދުންތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލޮލުގެ ފެނުމާއި އަޑުއިވުމާއި ވާހަކަ ދެއްކުމާއި މޮބިލިޓީ އަދި ކޮގްނިޓިވް ބޭނުންތަކަށް ބޭނުންކުރެވޭ އުފެއްދުންތަކަކަށް ހެދުމަށް އެޕަލް އިން ދޭ ސަމާލުކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާކަން ވަރަށް ރަނގަޅަށް ދޭހަކޮށްދެއެވެ.
އިއުލާނުކޮށްފައިވާ ގިނަ ފީޗާތައް ކުރިއަށް އޮތް މަސްތަކުގައި ކުރިއަށް އޮތް ސޮފްޓްވެއާ އަޕްޑޭޓްތައް މެދުވެރިކޮށް ނެރޭނެ ކަމަށް ޓެކްރިޕޯޓްތައް ބުނެއެވެ.