ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން އައްޑޫ އަށް މިރޭ 09:30 އިން ފެށިގެން މާދަމާ 03:30 ގެ ނިޔަލަށެވެ.

މެޓް އިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަވުމާއެކު އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 19 މޭލާއި 24 މޭލަށް ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުންޏެވެ.

މާދަމާ ރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ވެސް މޫސުން ގޯސް ވާނެކަމަށާއި ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތައް މިކަމަށް ސަމާލުވުމަށް މެޓް އިން ވަނީ ކުރިން ވެސް އަންގާފައެވެ.

މޫސުމީ ބަދަލުތަކާއެކު، ވާރޭ ވެހޭ މިންވަރަށް ވެސް އަންނަ ބަދަލުތަކާ ހެދި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބެއެވެ.