އިންޑިއާގެ ޖައިޕޫރަށް ނިސްބަތްވާ ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން ހިންގި ކެމްޕޭނެއްގެ ދަށުން އިންޑިއާގެ އެކްޓަރު ސޯނޫ ސޫދު 17 ކްރޯޑު ރުޕީސްގެ ހޯދުމަށް ފަހު އާއިލާއާ ހަވާލުކޮށްފިއެވެ.

ސޯނޫ އެހީތެރިކަން ފޯރުކޮށްދިން ތުއްތު ކުއްޖާއަކީ ސަޕްއިނަލް މަސްކިއުލާ އެޓްރޮފީ (އެސްއެމްއޭ) ޓައިޕް2އާ ހަނގުރާމަކުރަމުން ދިޔަ ޢުމުރުން އެންމެ 22 މަހުގެ ކުއްޖެކެވެ. އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ދުނިޔޭގައިވާ އެންމެ އަގު ބޮޑު އިންޖެކްޝަން ކަމަށްވާ ޒޯލްޖެންސްމާ އިންޖެކްޝަން ބޭނުންވާކަން ސޯނޫގެ ޓީމަށް އެނގުމާ އެކު އެކަމާ ގުޅޭ ކެމްޕެއިނެއް ސޯނޫގެ ބެލުމުގެ ދަށުން ވަނީ ފަށާފައެވެ.

ސޯނޫއާ އެކު ތަފާތު އެކި ދާއިރާތަކުން މި ކެމްޕޭނަށް އެއްބާރުލުން ލިބި، ނުވަ މަސް ދުވަހުގެ ތެރޭ ނުވަ ކްރޯޑް ރުޕީސް (12 މިލިއަން އެމެރިކާ ޑޮލަރު)ވަނީ އެއްކޮށްފައެވެ.

މީގެ ކުރިން ވެސް ސޯނޫ ވަނީ އަމިއްލަ ޖަމްއިއްޔާގެ އެހީގައި ނުވަ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ހާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަން އިންޑިއާގެ އެކި ހިސާބުތަކުގައި އުޅުނު ރައްޔިތުން ތަހައްމަލު ކުރަމުންދިޔަ ދަނޑިވަޅުގައި އާއްމުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ކުރީ ސަފުގައި ހުރީ ސޯނޫއެވެ.

ބޮލީވުޑް ފިލްމު "ސަމްރާތު ޕްރިތުވީރާޖް"ގެ ރޯލަކުން ބެލުންތެރިންނަށް އެންމެ ފަހުން ފެނުނު އެކްޓަރު އަންނަނީ ފިލްމު ޑައިރެކްޝަނަށް އަލަށް ނުކުންނަ ފިލްމު "ފަތޭހް"ގެ މަސައްކަތް ކުރަމުންނެވެ. ޒީސްޓޫޑިއޯއާއި ގުޅިގެން ގެނެސްދޭ މި ފިލްމުގެ ލީޑް ރޯލްއިން ސޯނޫ ފެންނާނެއިރު މި ފިލްމު މި އަހަރު ތެރޭ ބެލުންތެރިންނަށް ގެނެސްދޭން ވަނީ ނިންމާފައެވެ. ނަމަވެސް، ވަކި ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.