މުޅި ރާއްޖެއަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ޅ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދަށް ރީނދޫ ސަމާލު ނެރެފިއެވެ.

ރީންދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން މެންދުރު 14:30 އަށެވެ.

މެޓް އޮފީހުން ބުނީ، މިއަދުގެ މޫސުން ލަފާކުރާ ގޮތުގައި ގަޑިއަކު 25 މޭލާއި 30 މޭލަ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

އެގޮތުން، ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި އަށް ފޫޓާ ދެމެދު ހުންނާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މީގެ އިތުރުން، ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް އޮތީ ވައިޓް އެލާޓެއް ވެސް ނެރެފައެވެ. އެ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 14:00 އާ ހަމައަށެވެ.

މި ދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ. އަދި، މިއީ ސްކޫލު ބަންދު ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ދަތުރު ކުރާތީ، މެޓުން ނެރޭ އެލާޓުތަކަށް ސަމާލު ވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.