ރާއްޖޭގައި މަދު މީހަކު މެނުވީ ފިތުރު ޒަކާތް ދައްކާ ނަމަވެސް، ވަރަށް ގިނަ ބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގަިއ ބުނީ، ޒަކަތަކީ ހަމައެކަނި ފިތުރު ޒަކާތްކަމަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ ކަމަށެވެ.

ނަމަވެސް، މިއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި، ކީރިތި ޤުރުއާނުގައި ވެސް ކަނޑައަޅުއްވާ ފަރުޟު ކުރައްވާފައިވާ ޒަކާތަކީ މުދަލު ޒަކާތްކަމަށް ޚުތުބާގައި ބުންޏެވެ. އަދި، އިސްލާމް ދީނުގެ ރުކުނެއްގެ ގޮތުގައި ވެސް އޮންނަނީ މުދަލު ޒަކާތް ކަމަށާއި ފިތުރު ޒަކާތަކި ވެސް ވާޖިބެއް ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް، ފިތުރު ޒަކާތަކީ ރުކުނެއް ނޫނެވެ.

އެހެންކަމުން ޒަކާތުގެ ނިޞާބު ހަމަވާ މިންވަރަށް ތިމާގެ އަތުގައި ފައިސާ ނުވަތަ މުދާ ހުރެ، އެއަށް ހަނދުމަހުން އެއް އަހަރުވުމުން ޒަކަތް ނެރުން ވާޖިބުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

"މުސްލިމުން ނަމާދުކުރަން ދަސްކުރާ ފަދައިން، ޙައްޖަށް ދާން އުޅޭއިރު ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތް ދަސްކުރާ ފަދައިން، ޒަކާތާ ބެހޭ ހުކުމްތައް ވެސް ދަސްކުރަން ޖެހޭނެއެވެ،" ޚުތުބާގައި ބުންޏެވެ.

ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖުތަމައުގެ ވަރަށް ގިނަ އިޖުތިމާއީ މައްސަލަތައް ހައްލުވާނޭ ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން، ހަސަދަވެރިކަމާއި ރުޅިވެރިކަން މުޖުތަމައުއިން ފިލާ، ފަގީރުކަން ނެތި މުޖުތަމައުގެ އެންމެން ފުދުންތެރި ބަޔަކަށް ވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މުދަލަކީ އެއްވެސް ހާލަތެއްގައި ރާއްކާކޮށްފައި ބަހައްޓަންވީ އެއްޗެއް ނޫންކަމަށެވެ. މުދާވެރިކަމާއި ތަނަވަސްކަން ލިބިފައިވާ މީހާ ޒަކާތް ދެއްކުމާއި ﷲގެ މަގުގައި ހޭދަކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.

"ޒަކާތް ދިނުމާއި ޞަދަގާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެ މުދާ ތާހިރުވުމާއި ބަލިތަކަށް ޝިފާ ލިބުން ލައްވާފައި ވެއެވެ،" ޚުތުބާގަިއ ބުންނެވެ.

އެހެންކަމުން ކުޅަދާނަކަން ލިބިގެންވާ އެންމެހާ މީހުން މުދަލު ޒަކާތް ދެއްކުމަށް މިއަދުގެ ޚުތުބާގައި ވަނީ ގޮވާލާފައެވެ.