17 May 2024, 21:11
މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު، ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރައިން ރީނދޫ ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ބ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުން ފެށިގެން ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 20:00 އިން 12:00ގެ ނިޔަލަށެވެ. އެގޮތުން، އެ ސަރައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެއެވެ.
މެޓުން ވަނީ، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
އެގޮތުން، ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި އަށް ފޫޓާ ދެމެދު ހުންނާނެ ކަމަށް މެޓުން ލަފާކުރެއެވެ.
އެ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ވިއްސާރަކޮށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެ ސަމާލު ވެސް، ނެރެފައި ވަނީ މިރޭގެ މެންދަމު 12 ޖެހުމާ ހަމައަށެވެ.
މި ދުވަސްވަރު ކުރާ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ. އަދި، މިއީ ސްކޫލު ބަންދު ދުވަސްވަރަށް ވުމުން ގިނަ ބަޔަކު ދަތުރު ކުރާތީ، މެޓުން ނެރޭ އެލާޓުތަކަށް ސަމާލު ވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.