18 May 2024, 15:33
ރާއްޖޭގެ ދެކުނަށް މޫސުން ވަރަށް ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އޮރެންޖު އެލާޓް ނެރެފިއެވެ.
މި އެލާޓް ނެރެފައިވަނީ ފުވައްމުލަކު ސިޓީއިން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓު އޮފީހުން ބުނީ މި އެލާޓް ނެރެފައި ވަނީ މިއަދުގެ 15:00 އިން ފެށިގެން އިރުއޮއްސި 19:00 އާ ހަމައަށް ކަމަށެވެ.
އެ އިދާރާއިން ބުނީ އެ ސަރަހައްދަށް ގަޑިޔަކު 34 މޭލާއި 40 މޭލާއި ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު 60 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.
އޮރެންޖު ސަމާލަކީ މޫސުމީ ސަމާލުތަކުގެ ތެރެއިން ތިންވަނަ ދަރަޖައިގެ ސަމާލެވެ. އޮރެންޖު ސަމާލު އެންމެ ފަހުން ނެރެފައި ވަނީ، މީގެ ހަތަރު ދުވަސް ކުރިން މި މަހުގެ 13 ވަނަ ދުވަހުގައެވެ.
ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އެ އިދާރާއިން މިއަދު ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. ރީނދޫ ސަމާލަކީ ދިމާވެދާނެ ކަންކަމަށް ތައްޔާރުވެދިނުމަށް އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ. އަދި އެއީ މޫސުމާ ގުޅޭ ކާރިސާގެ ހާލަތުގައި ކަންކަން ނުރައްކާވެގެން ދިއުމުން ދެވަނައަށް އެންމެ މަތިން ނެރޭ އިންޒާރުގެ ސަމާލެވެ.
ހުޅަނގު މޫސުން ފެށި ކޮންމެ އަހަރެއްގެވެސް މެއި ޖޫން އަދި ޖުލައިމަހަކީ ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރެކެވެ. އެހެންކަމުން މޫސުން ގޯސްވުމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް އެންޑީއެމްއޭއިންވެސް ވަނީ އިރުޝާދުތަކެއް ނެރެފައެވެ.
ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެހި ބޭނުންކޮށްގެން ފުރާޅު އެއްލާނުލާ ގޮތަކަށް ހައްޔަރުކުރުމާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ދަނޑުވެރިކަން ކުރާ މީހުން ގަސްގަހާގެއްސަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް އެންޑީއެމްއޭއިން ވަނީ އިރުޝާދު ދީފައެވެ.