19 May 2024, 07:22
ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރުގެ ކުރިއަށް އޮތް ފިލްމުގެ ނަމަކީ "ޑްރެގަން" ކަމަށް އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ، ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމު "ކޭޖީއެފް" ގެނެސްދިން ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ ފިލްމެކެވެ.
ތެލުގޫ، ތަމަޅަ، ކަންނާޑާ އަދި މަޅަޔާލަމް ބަހުން ފިލްމު ގެނެސްދޭން ނިންމާފައިވާއިރު މި ފިލްމު ހިންދީ ބަހުން ގެނެސްދިނުމުގެ ޒިންމާއާ އެކު ފިލްމުގެ ޓައިޓްލްގެ ކޮޕީ ރައިޓްސް ގަނެފައިވަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިންނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ ޖޫނިއަ އެންޓީއާރް އަދި ޑައިރެކްޓަރު ޕްރަޝާންތާ އެކު ކަރަން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ފިލްމުގެ ޓައިޓްލްގެ ގޮތުގައި ކިޔާނެ ނަމެއް ނިންމަން ނެގީ އެންމެ ދެ މިނެޓު ކަމަށެވެ. "ޑްރެގަން" މި ނަމަކީ ދަރުމާ ކުންފުނީގެ ބެނާގެ ދަށުން ޑައިރެކްޓަރު އަޔާން މުކަރުޖީ ލިޔެ އުފެއްދި ފިލްމު "ބްރައްމަސްތުރާ"އަށް އެންމެ ފުރަތަމަ ކިޔަން ނިންމި ނަމެވެ.

ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރުގެ ފިލްމު "ދެވަރާ"ގެ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ
ޖޫނިއަ އެންޓީއާރްއާ އެކު ޑައިރެކްޓަރު ޕްރަޝާންތު ފުރަތަމަ ފަހަރަށް މަސައްކަތްކުރާ މި ފިލްމަކީ، ވަރަށް ތަފާތު އެހާމެ ވަރުގަދަ ތުރިލާއެއް ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ. ނަމަވެސް، މި ފިލްމުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
ޑައިރެކްޓަރު ޕްރަޝާންތު ނީލް މި ދުވަސްކޮޅު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަސައްކަތަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު އޭނާގެ ފިލްމު "ސަލާރު"ގެ ދެވަނަ ބައިގެ މަސައްކަތެވެ.
ގިނަ ބަޔަކު އިންތިޒާރުކުރާ "ސަލާރު"ގެ ދެވަނަ ބައި ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ފިލްމު "އާރްއާރްއާރް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ތެލުގޫ ކާމިޔާބު އެކްޓަރު ޖޫނިއަ އެންޓީއާރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރާ ފިލްމު "ދެވަރަ"އިންނެވެ.