އިންޑިއާގެ ހުޅަނގު އުތުރުގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް ހޫނު ގަދަވެ، ވެރި ރަށް ނިއު ދިއްލީއަށް އެލާޓް ނެރެފިއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހު ވެސް އުތުރުގެ ހުރިހާ ހިސާބަކަށް ހޫނު ގަދަވާނެއެވެ.

ހުކުރު ދުވަހު ނިއުދިއްލީގެ ބައެއް ހިސާބުތަކުގެ ހޫނުމިން 47.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އަވަށްޓެރި ޕަންޖާބާއި ހަރިޔާނާ އަދި ރާޖަސްތާންގެ ސްޓޭޓްތަކުގައި ވެސް ފިނިހޫނުމިން މައްޗަށް ގޮސް ކުރިއަށް އޮތް ދެ ތިން ދުވަހު ވެސް ހޫނުމިން މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިންޑިއާގެ މޫސުމާ ބެހޭ ޑިޕާޓްމަންޓުގެ ސައިންސްވެރިއެއް ކަމަށްވާ ސޯމާ ސެން ރޯއީ ވިދާޅުވިއެވެ.

އިންޑިއާގައި ހޫނުމިން މިހާ މަތިވެފައިވާއިރު، އެ ގައުމުގެ އާންމު އިންތިހާބުވެސް ދަނީ ކުރިއަށެވެ. ތަޖުރިބާ ކާރުން ބުނާ ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ވޯޓުލާން ކިޔޫގައި ގިނައިރު މަޑުކުރަންޖެހޭ މީހުންނަށް ސިއްހީ ނުރައްކާތައް ކުރިމަތިވެދާނެއެވެ.

ހޫނު މޫސުމުގެ މައިގަނޑު މަސްތައް ކަމަށްވާ އޭޕްރީލް، މެއި އަދި ޖޫން މަހަކީ އިންޑިއާގެ ގިނަ ހިސާބުތަކުގައި އަބަދުވެސް ހޫނުގަދަ މަސްތަކެކެވެ.

ނަމަވެސް ފާއިތުވި ދިހަ އަހަރު ތެރޭގައި ހޫނުގަދަވެ، އާންމުކޮށް ފެނުގެ ދަތިކަން ބޮޑުވެ، އިންޑިއާގެ 1.4 ބިލިއަން މީހުންގެ ތެރެއިން ދިހަ މިލިއަން މީހުންނަށް ވަނީ ފެން ލިބުން ދަތިވެފައެވެ.

ދިރާސާކުރާ އެކަޑަމިކް ގްރޫޕެއް ކަމަށްވާ ވޯލްޑް ވެދާ އެޓްރިބިއުޝަން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އޭޝިއާގެ ބައެއް ހިސާބުތަކަށް އޭޕްރީލް މަހު ހޫނުގަދަވެފައި ވަނީ ދުނިޔޭގެ އެހެން ބައްރުތަކަށްވުރެ 45 ގުނަ އިތުރަށެވެ.

ބަންގްލަދޭޝްގައި ހޫނުގަދަވުމުގެ ސަބަބުން 28 މީހަކު މަރުވުމުގެ އިތުރުން އިންޑިއާގައި ވެސް އޭޕްރީލް މަހު ފަސް މީހަކު މަރުވެފައިވެއެވެ. ހޫނުގަދަވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މި އަހަރު ތައިލެންޑާއި ފިލިޕީންސްގައި ވެސް އިތުރުވެފައިވާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ހޫނުގަދަވުމުގެ ސަބަބުން މިދިޔަ 150 އަށް ވުރެ ގިނަ މީހުން ވަނީ އިންޑިއާއިން މަރުވެފައެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ވޭތުވެދިޔަ 10 އަހަރު ގާތްގަޑަކަށް 11،000 މީހުން މަރުވެފައިވެއެވެ.