ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ ކަމަށް ކްރިމިނަލް ކޯޓުގައި ބުނި ދިވެއްސަކަށް ތަރުޖަމާނަކު ލިބި، ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހު އޭނާ 30 ދުވަހަށް ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މި ދިވެއްސަކީ، ހަސަން އަޖުއާން، މ. ފެންވިނަ (39އ)އެވެ.

ފުލުހުން މިއަދު "ސަން"އަށް ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

އޭނާ ބަންދުކުރީ ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައެވެ.

އޭނާއަކީ ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭ މީހެއް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ޝަރީއަތުން އޭނާއަށް ތަރުޖަމާނެއް ހޯދުމުގެ ފުރުސަތު ވެސް ދިނެވެ. އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް ފަރާތެކެވެ.