19 May 2024, 12:19
މިފަހަރުގެ ސީޒަން ނިމުމުން އިންގްލިޝް ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަންގެ ކޯޗު ކަމުގައި ހުރި އިޓަލީވިލާތުގެ ރޮބާޓޯ ޑި ޒާބީ ކްލަބް ދޫކޮށްދާނެކަން އެ ކްލަބުން ހާމަކޮށްފިއެވެ.
އެހެން ކަމުން ބްރައިޓަންގެ ކޯޗުގެ ހައިސިއްޔަތުން ޑި ޒާބީ ފެނިގެންދާ އެންމެ ފަހު މެޗަކަށް ވެގެންދާނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗެވެ.
ބްރައިޓަންގެ ޗެއާމަން ޓޮނީ ބްލޫމް ހާމަކުރި ގޮތުގައި ޑި ޒާބީ އެ ޓީމު ދޫކޮށް ދިއުމާއި ގުޅޭގޮތުން ކްލަބާއި ކޯޗުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.
އުމުރުން 44 އަހަރުގެ ޑި ޒާބީ ބްރައިޓަންގެ ކޯޗުކަމުގެ މަގާމާއި ހަވާލުވެފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ޑި ޒާބީގެ ކޯޗުކަމުގެ ދަށުން ޕްރިމިއާ ލީގުގައި ބްރައިޓަންއިންވަނީ މިދިޔަ ސިޒަން ހަވަނައިގާ އޮވެގެން ނިންމާލައިފައެވެ.
މިދިޔަ ސީޒަން ވެގެންދިޔައީ ބްރައިޓަންއަށް ލީގުގައި އެންމެ ރަނގަޅު ކާމިޔާބީއެއް ހާސިލްކުރެވުނު ސީޒަނަށެވެ. އަދި އެއާއެކު އެޓީމަށް ކްލަބްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.
ބްލޫމް ހާމަކުރި ގޮތުގައި ޑި ޒާބީވަނީ އެ ޓީމާއެކު ވަރަށް ކާމިޔާބު ދެ ސީޒަން ހޭދަކޮށްފައިކަމަށެވެ. އަދި މިދިޔަ ސީޒަންގައި ފުރަތަމަ ފަހަރަށް ޔޫރަޕްގައި ވާދަކުރި ކުރުމުގެ ހަނދާންތައް ފިނަ އަހަރު ތަކެއް ވަންދެން ދެމިހުންނާނެކަމަށް އޭނާ ހާމަކުރިއެވެ.
އޭނާ ހާމަކުރި ގޮތުގައި ޑި ޒާބީގެ އެގްރީމަންޓް ނިމުމަކަށް ގެނައުމަށް ދެފަރާތުން އެއްބަސްވުމަކަށް އައިސްފައިމިވަނީ ދެ ފަރާތަށް ވެސް އެ ކަމުގެ ފައިދާ ކުރާނެ ވަގުތުގައި ކަމަށެވެ.
މިގޮތުން ސީޒަން ނިމި އާ ސީޒަން ފެށުމުގެ ކުރިން މި ބަދަލު ގެނައުމުން އާ ކޯޗެއް ހޯދުމުގައި ކްލަބަށް ފަސޭހަވެ އަދި ޑި ޒާބީއަށް ވެސް އޭނާގެ މުސްތަގްބަލާއި މެދު ވިސްނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ބްރައިޓަންގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުން ގާތް އެއް ފަރާތަކީ ޗެމްޕިއަންޝިޕްގެ އިޕްސްވިޗް ޓައުން ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދިން ކޯޗު ކިއެރެން މެކެނާއެވެ.
ޔުނައިޓެޑްގެ މެޗާއި ބްރައިޓަން ކުރިމަތިލާއިރު އެ ޓީމު މިސީޒަންގައި މިހާރު އޮތީ ތާވަލްގެ 10 ވަނައިގައެވެ. އަދި މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުން ނަމަވެސް އެ ޓީމު އޮތް މަގާމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
ބްލޫމް ހާމަކުރިގޮތުގައި ބްރައިޓަންގެ ސަޕޯޓަރުންގެ ފަރާތުން ޑި ޒާބީއަށް ސީޒަންގެ ފަހު މެޗުގައި ފުރިހަމަ އަލްވަދާއުއެއް ކިޔާނެކަމަށް ގަބޫލް ކުރެއެވެ. ހަމައެއާއެކު ޑި ޒާބީ އަށާއި އޭނާގެ ސަޕޯޓް ސްޓާފުންނަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބްލޫމް ހާމަކުރިއެވެ. ޑި ޒާބީގެ އިތުރުން އޭނާ އާއި އެކު މަސައްކަތް ކުރާ ކޯޗިން ޓީމުގެ ހަތް މެމްބަރުން ޑި ޒާބީއާއެކު ޓީމު ދޫކޮށްދާނެކަމަށް ބެލެވެއެވެ.
ޑި ޒާބީ ހާމަކުރި ގޮތުގައި އޭނާ ބްރައިޓަން ދޫކޮށްލަން ނިންމީ މިއީ ވަގުތަށް ކްލަބާއި އޭނާއަށް ވެސް އެންމެ ފައިދާ ހުރިގޮތް ކަމުގައި ފެންނާތީ ކަމަށެވެ.
އަދި ސީޒަން ނިމުމާއެކު ކްލަބް ދޫކޮށްލުމުން އޭނާއަށް ދެން ކުރާނެ ކަމަކާއި މެދު ވިސްނުމުގެ ކުރިން އަރާމު ކޮށްލުމަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.