19 May 2024, 17:58
ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން މިއަދު ހެނދުނު ކަޔަކެއްގައި މޫދަށް ފޭބި ބިދޭސީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ މިއަދު 15:30 ހާއިރު ކަމަށެވެ.
އަދި މިހާރު އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާއަކީ ރިސޯޓުގެ ދޯނީގައި މަސައްކަތް ކުރާ ބަންގެލަދޭޝް މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދަ ވެސް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެން ކަމުން ހުރިހާ އެންމެން ވެސް، އަދި ވަކިން ޚާއްސަކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.