19 May 2024, 18:42
އީރާނުގެ ރައީސް އިބްރާހީމް ރައީސީ ހެލިކޮޕްޓަރެއްގައި ދަތުރުކުރައްވަމުން ގެންދަވަނިކޮށް އެ ހެލިކޮޕްޓަރު އެކްސިޑެންޓުވެއްޖެއެވެ.
އީރާނުގެ ތަސްނީމް ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ ރައީސީ، ވެރިރަށް ތެހެރާނާ 375 މޭލު ދުރުގައި އޮންނަ ޖޮލްފާގައެވެ. އެއީ ބޯކޮށް ވާރޭ ވެހި، ދުންފިނި ބޯ ފަރުބަދަމަތީ ސަރަހައްދެއް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެ ހެލިކޮޕްޓަރުގައި ރައީސީގެ އިތުރުން ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާނާއި ވެސް އިންނެވި ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ. އަދި އެ ހެލިކޮޕްޓަރުގައި ތިބި ބަޔަކާ މުވާސަލާތު ކުރެވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެހެންވެ، އެ ހާދިސާގައި ޝާމިލްވާ ފަރާތްތައް ސަލާމަތުން ތިބި ކަމުގެ އުއްމީދު އޮތް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން އެ ހެލިކޮޕްޓަރާއެކު އިތުރު ދެ ހެލިކޮޕްޓަރެއް ދަތުރުކުރި ކަމަށާއި އެ ދެ އުޅަނދު ރައްކާތެރިކަމާއެކު މަންޒިލަށް ވާސިލުވެފައިވާ ކަމަށް ތަސްނީމް ނޫހުން ބުނެފައިވެއެވެ.
އެ ހެލިކޮޕްޓަރަށް ދިމާވި އެކްސިޑެންޓާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައިިނުވެއެވެ.
އީރާނުގެ ދައުލަތުގެ ނޫހުން ބުނި ގޮތުގައި އެ ހެލިކޮޕްޓަރު އޮތް ތަނަށް ދިޔުމަށް އެހީ ފޯރުކޮށްދޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.
ރައީސީ މިއަދު އަޒަރުބައިޖާނަށް ވަޑައިގަތީ އީރާނުގެ އެހީއާއެކު އެގައުމުގައި ހަދާފައިވާ ޑޭމްއެއް ހުޅުވުމުގެ ރަސްމިއްޔާތަށެވެ.