19 May 2024, 21:47
ތެހެރާން (19 މެއި 2024): އީރާނުގެ އިރުއުތުރުގައި އޮންނަ ގަވަނޭޓެއް ކަމަށްވާ އިރުމަތީ އަޒަރުބައިޖާން ސަރަހައްދަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި ތެހެރާނަށް ވަޑައިގަތުމުގެ ތެރޭގައި މޫސުން ގޯސްވެގެން އެގައުމުގެ ރައީސް އިބްރާހީމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރަށް ދިމާވި ޙާދިސާގެ ހަގީގަތް އަދިވެސް ވަނީ ނޭނގުމެއްގެ ތެރޭގައި ކަމަށާއި ރައީސާއި އޭނާގެ ޓީމު ސަލާމަތް ކުރުމަށްޓަކައި 46 ޓީމު އެސަރަހައްދަށް ގޮސްފައިވާކަމަށް އީރާނުގެ ރަސްމީ ޓީވީން ބުނެފިއެވެ.
ރަސްމީ ޓީވީގައި ވާހަކަ ދައްކަވަމުން އީރާނުގެ ދާޚިލީ ވަޒީރު ވިދާޅުވީ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރާއެކު އިތުރު ދެ ހެލިކޮޕްޓަރުވެސް ދަތުރުކުރި ކަމަށާ މިތިން ހެލިކޮޕްޓަރުވެސް މޫސުން ގޯސްވުމުގެ ސަބަބުން ފަރުބަދަ މަތީ ސަރަހައްދަކަށް ކުއްލި ހާލަތުގައި ޖައްސަން ޖެހުނުކަމަށެވެ.
އެއް ހެލިކޮޕްޓަރު ޖެއްސުމުގެ ތެރޭގައި ވަރަށް ބާރަށް ބިމުގައި ޖެހުނުކަމަށާއި ނަމަވެސް އެއީ ރައީސް އިބްރާހީމް ރައީސީ އިންނެވި ހެލިކޮޕްޓަރުކަން ސާފުނުވާކަމަށް އޭނާ ވިދާޅުވިއެވެ. މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން އިންނެވީވެސް ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރުގައި ކަމަށްވެއެވެ.
މިހާދިސާ ހިނގި ސަރަހައްދުގައި ދުންފިނި ބޯކަމުންނާއި މޫސުން ގޯސްކަމުންނާ އަދި ފޯނު ރޭންޖް ނުލިބޭތީ ކަންތައް ހިނގިގޮތާއި ރައީސް ހުންނެވީ ސަލާމަތުންކަން ނުވަތަ ނޫންކަން އެއްވެސް ވަރަކަށް ކަށަވަރު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އާއި އޭނާގެ ޓީމު ސަލާމަތް ކުރުމަށްޓަކައި އީރާން ސިފައިންގެ އެންމެ އެލީޓް ފޯސްގެ ޓީމުތަކާ އަވަސް ފަރުވާދިނުމުގެ ވަސީލަތްތައްހުރި ހެލިކޮޕްޓަރުތަކާ އަދި މީހުން ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ ޕޮލިސް ޑޯގްގެ ސްކްއާޑް ތަކާ އަދީ މީހުން ސަލާމަތްކުރުމަށާއި ފަރުވާދިނުމަށް ޚާއްސަ ވެހިކަލްތައް ހިމެނޭގޮތަށް ގިނަ އަދަދެއްގެ ވެހިކަލްތަކާއެކު 64 ޓީމެއް އެއްގަމު މަގުންނާއި ވައިގެ މަގުން އެސަރަހައްދަށް ގޮސްފައިވާ ކަމަށް އީރާނުގެ ސިފައިންނާ ހަވާލަދީ އެގައުމުގެ ރަސްމީ ޓީވީ ބުނެއެވެ.
މީގެތެރޭގައި ފަރުބަދަތަކަށް އެރުމުގެ ޚާއްސަ ތަމްރީންތައް ދީފައިވާ ސިފައިންގެ ސްކްއާޑް އެއްވެސް ހިމެނެއެވެ. މި ޓީމުތަކުގެ ތެރެއިން ހަތަރު ޓީމަކުން ރައީސް އާއި އޭނާގެ ޓީމުގައި ހިމެނޭ ހެލިކޮޕްޓަރުތައް ހޯދުމުގެ މަސައްކަތް ފަރުބަދަތަކުގެ ތެރޭގައާއި ފަރުބަދަތަކުގެ ވާދީތަކުގެ ތެރޭގައި ކުރަމުން ގެންދާކަމަށާ ބާކީ ޓީމުތަކުންވެސް އެެޓީމުތަކާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ތައްޔާރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސިފައިންގެ ރިޕޯޓްތައް ބުނާގޮތުން އެއްގަމުންދާ ބައެއް ޓީމުތަކަށް އަދި އެސަހައްދަށް ނުދެއެވެ.
އީރާން ސަރުކާރުގެ ރަސްމީ ތަރުޖަމާނު ވިދާޅުވިގޮތުގައި ރައީސް އާއި އޭނާގެ ޓީމުގެވެސް އަދި އެހެން ހެލިކޮޕްޓާރުތަކުގެވެސް އެއްވެސް ޚަބަރެއް އަދި ނެތެވެ.
އީރާނުގެ ސަރުކާރުންވަނީ ރައީސަށާއި އޭނާގެ ޓީމުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ ހަޒްރަތަށް ދުއާކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
އީރާނުގެ ސިއްހަތާބެހޭ ވަޒީރު ވިދާޅުވިގޮތުގައި ރައީސް އާއި އޭނާގެ ޓީމުވަނީ ނުރައްކަލެއްގެ ތެރޭގައެވެ. ކަންތައް ވެފައިވާގޮތް އަދި ނޭނގެނީ މޫސުން ގޯސްކަމުން ރެސްކިއު މަސައްކަތާއި ހެލިކޮޕްޓަރުތައް ހޯދުމުގެ މަސައްކަތް އެދެވޭގޮތުގައި ކުރިޔަށް ނުގެންދެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އެސަރަހައްދަށް އިރުއޮއްސި އަނދިރިވެފައިވާތީ ރެސްކިއު މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތައް މަސައްކަތްކުރާނީ ރޭގަނޑުގެ އަނދިކަމުގެ ތެރޭގައިވެސް ތަންތަން ހޯދުމަށް ބޭނުންކުރާ އިންފްރާ ރެޑްނެސް ހިމެނޭ އާލާތްތައް ބޭނުންކޮށްގެންކަމަށް ރައީސްއާއި އޭނާގެ ޓީމު ސަލާމަތް ކުރުމަށް އެސަރަހައްދުގައި މަސައްކަތްކުރާ ރެސްކިއު އޮޕަރޭޝަން ޓީމުތަކުގެ ކޮމާންޑަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ރައީސް އާއި އޭނާގެ ޓީމުގައި ހިމެނޭ ބޭފުޅުންގެ ހާލަތާމެދު އަދި އެއްވެސް އެއްޗެކޭ ބުނާކަށް ނޭނގެއެވެ.
އީރާނުގެ އިރުއުތުރުގައި އޮންނަ ގަވަނޭޓެއް ކަމަށްވާ އިރުމަތީ އަޒަރުބައިޖާން ސަރަހައްދަކީ އީރާނުގެ އަވަށްޓެރި ގައުމެއްކަމަށްވާ އަޒަރުބައިޖާން އާ އިންވެގެން އޮންނަ ސަރަހައްދެކެވެ. އީރާނުގެ ރައީސް އެސަރަހައްދަށް ވަޑައިގެންނެވީ އަޒަރު ބައިޖާން އާ އީރާނާ ގުޅިފައިވާ ކޯރެއްގައި ބިނާކުރި ޑޭމްއެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށެވެ. މިރަސްމިއްޔާތުގައި އަޒަރުބައިޖާންގެ ރައީސް ހައިދަރު އަލިޔޭވްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.