Last Updated:
2 year 6 month ago

އީރާންގެ ރައީސް، ރައީސީ އަވަހާރަވެއްޖެ

    ބުލޮގު ޚުލާސާ

    އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެ، މުވާސަލާތީ ގުޅުން ކެނޑިފައިވާތީ، ރައީސްގެ ހާލަތު އަދިވެސް ނޭނގެއެވެ.

    ރައީސީ ހޯދުމަށް ސަލާމަތީ ފައުޖުތަކާއި ރެޑް ކްރެސެންޓްއިން ބޮޑު އޮޕަރޭޝަނެއް ފަށައިފައިވާއިރު، ޚަބަރެއް ނުވެ ގިނަ ވަގުތު ވާތީ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

    11:35

    އީރާނުގެ ރައީސް ޑރ. ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމާ ގުޅިގެން ރަސްމީ ގޮތުން ހިތާމަ ފާޅުކުރުމަށް ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

    11:30

    10:47

    އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި އެ ގައުމުގެ ޚާރިޖީ ވަޒީރު އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށާއި ސަރުކާރަށް އެ ޕާޓީން ތައުޒިޔާ ކިޔާ ކަމަށެވެ.

    10:43

    ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިއްޔެ ހަވީރު ހިނގި ހިތާމަވެރި ހެލިކޮޕްޓަރު އެކްސިޑެންޓުގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި އެ ގައުމުގެ ޚާރިޖީ ވަޒީރު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. މިނިސްޓަރު ޒަމީރު ވަނީ މި ހާދިސާގައި އަވަހާރަވި ބޭފުޅުންގެ ޢާއިލާތަކަށާއި، އީރާނުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.

    10:40

    ރައީސީ އަވަހާރަވުމުން ރައީސް މުއިއްޒުގެ ތައުޒިޔާ

    ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އީރާންގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ.

    އެ މަނިކުފާނު ވަނީ ރައީސީއާއި އެ މަނިކުފާނާ އެކު ދަތުރުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ސުވަރުގެ މިންވަރުކުރެއްވުން އެދި ދުއާދަންނަވާފައި.

    ރައީސް މުއިއްޒު ވިދާޅުވީ، މި ދަނޑިވަޅުގައި އީރާންގެ ރައްޔިތުންނާއި އަވަހާރަވީ ބޭފުޅުންގެ އާއިލާއާ އެކު ތިއްބެވި ކަމަށް.

    09:57

    ހެލިކޮޕްޓަރު ވަނީ ވަރަށް ބޮޑަށް އަނދާފައި. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފެނުނު ހަށިގަނޑުތައް ވެސް އަނދާފައިވާ މިންވަރުން އެއީ ކޮންބައެއްކަން ދެނެގަނެވިފައެއް ނުވޭ.

    09:51
    އީރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައި--
    09:39

    ރައިސީ އަވަހާރަވުމާއެކު މައުމޫންގެ ތައުޒިޔާ

    އިރާންގެ ރައީސް ރައިސީ އަވަހާރަވުމާ ގުޅިގެން ވެރިންގެ ތައުޒިޔާ އަންނަނީ ރައްދުކުރަމުން

    އެގޮތުން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާންގެ ރައީސާއި ޚާރިޖީ ވަޒީރު އަވަހާރަވެވަޑައިގެންނެވި ޚަބަރު އަޑުއެއްސެވީ ހިތާމައާއެކުގައި ކަމަށް

    އަދި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުންނަށް ކެތްތެރިކަން އެދިވަޑައިގަންނަވާ ކަމަށެވެ.

    09:14

    އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، އެ މަނިކުފާނު އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން މިއަދު ބުނެފި

    08:53

    އެ ސަރަހައްދުން އެއްވެސް މީހަކު ދިރިހުރިކަމުގެ ނިޝާނެއް ނުފެންނަ ކަމަށް ވެސް ރެޑް ކްރެސެންޓުން ބުނޭ

    08:52

    އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރު މިހާރު ފެނިފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި

    03:01

    އީރާނުގެ ރައްޔިތުން، ރައީސީ ފެންނާނެ ކަމުގެ އުއްމީދުގައި

    އީރާނުގެ ގިނަ އަދަދެއްގެ މީހުން އަންނަނީ، ރައީސީ ހެޔޮ ހާލުގައި ފެންނާނެ ކަމުގެ އުއްމީދުގައި ދުއާކުރަމުން. އެގައުމުގެ ދައުލަތުގެ ޓީވީން ވަނީ އާންމު ޕްރޮގްރާމްތައް ދެއްކުން ހުއްޓާލައިފައި. މިހާރު ދައްކަމުން އަންނަނީ އީރާނުގެ އެކި ސަރަހައްދުގައި ރައްޔިތުން ދުއާ ކުރާ މަންޒަރު

    ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ރައްޔިތުން ކަންބޮޑުނުވުމަށާއި ދުއާ ކުރުމަށް އެދިވަޑައިގެންފައި. އަދި ގައުމު ހިންގުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި

    އީރާނުގެ ރައްޔިތުންތަކެއް ޖަމާއަތް ހަދައި، ދުއާ ކުރުމުގައި -- ފޮޓޯ/ އީޕީއޭ
    01:44

    ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ޗީފް ކޮމާންޑަރު ހުސައިން ސަލާމީ ވަޑައިގެންފި. އެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންގައި އިސްކޮށް ހުންނަވާނީ ސަލާމީ

    01:42

    އީރާނުގެ ރަސްމީ ނޫސް އޭޖެންސީން އެގައުމުގެ ރެޑް ކްރެސެންޓްއާ ހަވާލާދީ ބުނި ގޮތުގައި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް ވަނީ ވަރަށް އުނދަގޫވެފައި

    23:44

    އީރާނުގެ ރައީސް ވީހާ ވެސް އަވަހަށް، ހެޔޮ ހާލުގައި ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ

    23:38

    މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރު ހޯދުމަށް ދަތިތަކެއް

    އީސްޓް އަޒަރުބައިޖާންގެ މޫސުމާ ބެހޭ އިދާރާގެ ވެރިޔާ ހަބީބް އަބްދުﷲ ވިދާޅުވީ، ހެލިކޮޕްޓަރު ގެއްލިފައިވާ ސަރަހައްދުގައި މުޅި ރޭ ވެސް ބޯކޮށް ވާރޭވެހި، ބާރަށް ވައިޖެހޭނެ ކަމަށް. އެގޮތުން ގަޑިއަކު 10 ކިލޯމީޓަރު ބާރުމިނުގައި މިހާރު ވެސް ވައިޖެހެމުން އަންނަ ކަމަށް އޭނާ ވިދާޅުވި

    މޫސުން ގޯސްވުމުގެ ސަބަބުން، ވައިގެ މަގުން ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައި

    23:32

    ހެލިކޮޕްޓަރު ފެނިފައިވާ ކަމަށް ބުނާ ވާހަކަތައް އީރާނުގެ ރެޑް ކްރެސެންޓުން ދޮގުކޮށްފި

    އަލްޖަޒީރާގައި، ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓްގެ އޮފިޝަލަކާ ހަވާލާދީ ބުނީ، ހެލިކޮޕްޓަރު ފެނިފައިވާ ކަމަށް ޚަބަރު ފަތުރަނީ އެގައުމުގެ މީޑިއާތަކަކުން ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް

    އީރާނުގެ ދައުލަތުގެ ޓީވީގެ ރިޕޯޓަރަކު ވެސް އެގައުމުގެ އެނާޖީ މިނިސްޓަރާ ހަވާލާދީ ވަނީ، ހެލިކޮޕްޓަރު ފެނުމާ ގުޅޭ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ބުނެފައި

    23:26

    މިއަދު ނަގައިފައިވާ ރައީސީގެ އިތުރު ފޮޓޯއެއް.

    ރައީސީގެ ހެލިކޮޕްޓަރު ވެއްޓުނީ އީރާނުގެ އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގައި ޑޭމްއެއް އިފުތިތާހުކޮށްދެއްވުމަށް ފަހު އެނބުރި ވަޑައިގަތް މަގުމަތީގައި. އެ ޑޭމް އިމާރާތްކޮށްފައިވަނީ އަޒަރުބައިޖާނާ ގުޅިގެން.

    އެ ޑޭމް ހުޅުވުމުގެ ރަސްމިއްޔާތުގައި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔެވް ވެސް ބައިވެރިވެވަޑައިގެންނެވި

    ފޮޓޯ/ އީރާނުގެ ރައީސް އޮފީސް
    23:23
    މިއަދު ނަގައިފައިވާ ރައީސީގެ ފޮޓޯއެއް: ރައީސީގެ ހެލިކޮޕްޓަރު ވެއްޓުނީ އީރާނުގެ އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގައި ޑޭމްއެއް އިފުތިތާހުކޮށްދެއްވުމަށް ފަހު އެނބުރި ވަޑައިގަތް މަގުމަތީގައި -- ފޮޓޯ/ މެހްރް ނިއުސް އޭޖެންސީ
    23:13

    ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެ ކަމަށް އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފި. ނަމަވެސް ރައީސީއާއި އުޅަނދުގައި ދެން ތިބި މީހުންގެ ތަފުސީލެއް އަދި ނެތް

    23:05

    ބޭރު ގައުމުތަކުގެ ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވައި، ރައީސީ ރައްކާތެރިކަމާއެކު ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވަމުން

    22:56

    ރައީސީގެ ހާލަތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދަނީ އެކި ވާހަކަތައް ފެތުރެމުން. ތެހެރާންގެ ޕްރޮސެކިއުޓާސް އޮފީހުން ވަނީ ހެލިކޮޕްޓަރާ ގުޅޭ ގޮތުން ސައްހަ ނޫން ޚަބަރުތައް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ކަމަށް ބުނެފައި.

    އެހެންވެ، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ވާހަކަތައް ފަތުރާފައިވާ ބައެއް މީހުންނަށް އިންޒާރު ދީފައިވާ ކަމަށް އެ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ ބުނެފައި

    22:53

    ދެހާސް އެކާވީސް ވަނަ އަހަރު ރައީސް ކަމަށް ވަޑައިގެންނެވި ރައީސީއަކީ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަރިސް ބޭފުޅެއް އަދި އެ މަގާމަށް ދެން ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅާ. ރައީސީއާ ގުޅޭ އިތުރު މައުލޫމާތު:

    22:45

    އީރާނުގެ ރައީސްގެ ހާލަތާ ގުޅޭ ގޮތުން ދިވެހިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން.

    22:31

    މޫސުން ގޯސްވުމުން، ހެލިކޮޕްޓަރު ވައިގެ މަގުން ހޯދުމުގެ އޮޕަރޭޝަން ހުއްޓާލައިފި

    އީރާނުގެ އެމާޖެންސީ ސާވިސަސް އޯގަނައިޒޭޝަންގެ ތަރުޖަމާނު ވިދާޅުވީ މޫސުން ގޯސްވުމުގެ އިތުރުން، އިރުއޮއްސި އަނދިރިވުމުން އޮޕަރޭޝަން ކުރިއަށްގެންދަން ދަތިވެފައިވާ ކަމަށް

    އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ މީހުން މިހާރު އަންނަނީ، ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް ފައިމަގުގައި ކުރަމުން. އެއީ ވާރެއާ ހެދި ފަރުބަދަމަތީ އެ ސަރަހައްދުގެ މަގުތައް ޗަކަވެ، ކާރު ދުއްވަން ވެސް ހުރަސްއެޅިފައި ވުމުން ކަމަށް މީޑިއާގައިވޭ

    22:27

    އީރާނުގެ ދައުލަތުގެ ވެރިޔާ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނީ ގައުމަށް މެސެޖެއް ދޫކުރައްވައިފި.

    ޚާމަނާއީ ވިދާޅުވީ ރައީސާއި ހެލިކޮޕްޓަރުގައި ދެން ތިއްބެވި ބޭފުޅުން ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް. އަދި އެންމެން ވެސް ދުޢާ ކޮށްދިނުމަށާއި، ގައުމުގެ ރައްޔިތުން މާބޮޑަށް ހާސްނުވުމަށް އެދިވަޑައިގަތް.

    ގައުމު ހިންގުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން ވެސް ޚާމަނާއީ ރައްޔިތުންނަށް ދެއްވި.

    22:18

    22:18

    އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސީގެ އިތުރުން ހެލިކޮޕްޓަރުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި:

    • ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާން

    • އީސްޓް އަޒަރުބައިޖާން ޕްރޮވިންސުގެ ގަވަރުނަރު މާލިކް ރަހުމަތީ
    • ތަބްރީޒް ޕްރޮވިންސުގެ އިމާމް މުހައްމަދު އަލީ އަލް ހާޝިމް
    22:14
    އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އައިއާރުއެންއޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހެލިކޮޕްޓަރު އޮތް ސަރަހައްދަށް އިތުރު ރެސްކިއު ޓީމްތައް އަދިވެސް ދަނީ ފޮނުވަމުން --
    22:12

    އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސީގެ ހެލިކޮޕްޓަރު ކުއްލިއަކަށް ޖައްސަން ޖެހުނީ ބޯކޮށް ވާރޭ ވެހި، ދުންފިނި ބޯ ފަރުބަދަމަތީ ސަރަހައްދެއްގަ

    އެ ސަރަހައްދަށް އީރާނުގެ ރެޑް ކްރެސެންޓުން ވަނީ 40 ޓީމެއް ފޮނުވައިފަ. އަދި ހެލިކޮޕްޓަރު ހޯދުމަށް ސަލާމަތީ ބާރުތަކުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމަށް ވަނީ އަންގައިފައި