19 May 2024, 23:44
އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ގޮތުގައި މި އަހަރުގެ ލީގު މެންޗެސްޓާ ސިޓީން މިރޭ ކާމިޔާބުކޮށްފިއެވެ.
ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވަނީ ފަހު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ.
މެޗަށް ސިޓީ ނުކުތީ މޮޅުނުވެވިއްޖެނަމަ ލީގު ގެއްލިދާނެކަމުގެ ބިރާ ވެސް އެކުއެވެ. މެޗުން ސިޓީ މޮޅުނުވެ، އާސެނަލުން އެވަޓަން ބަލިކުރި ނަމަ ލީގުގެ ތަށި ލިބޭނީ އާސެނަލަށެވެ.
ނަމަވެސް ވޭތުވެދިޔަ ތިން ފަހަރު ލީގު ކާމިޔާބުކޮށްފައިވާ ސިޓީގެ ޕްރިމިއާ ލިގުގެ ތަށިން އަތް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަވެގެންދިޔައެވެ. ސިޓީއާއި ވެސްޓް ހޭމްގެ މެޗު ފެށިތާ ދެވަނަ މިނެޓުގައި ސިޓީންވަނީ މެޗުގެ ލީޑު ނަގައި އިއްތިހާދު ސްޓޭޑިއަމް އެއް އަޑަކުން ގުގުމާލައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕްރިމިއާ ލީގުގެ މި ސީޒަންގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ފިލް ފޯޑެންއެވެ. މި ލަނޑާ އެކު ދެން ވެސް ފެނިގެންދިޔައީ ސިޓީން ފުލުފުލުގައި ވެސްޓް ހޭމްގެ ގޯލަށް ހަމަލާދެމުންދިޔަ ތަނެވެ.
މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު މި ސީޒަންގައި 27 ލަނޑާ އެކު އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހާސިލުކުރި އާލިން ހާލަންޑް، ޖެރެމީ ޑޮކޫ އަދި ރޮޑްރީއަށް ލިބިގެންދިޔަކަން ފާހަގަވިއެވެ. މެޗުގައި ސިޓީގެ ދެވަނަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެސް ފޯޑެންއެވެ. މި ލަނޑާ އެކު ސިޓީން ކޮންމެ ވެސް ވަރަކަށް ހަމަޖެހިލިތަން ފެނިގެންދިޔައެވެ. އަދި، މިއާ އެކު ވެސްޓް ހޭމްއިން ކޮންމެ ވެސް ވަރަކަށް މެޗުގެ ތެރެއަށް ވަދެ ކުޅެވޭތޯ މަސައްކަތް ކުރަމުންދިޔަތަން ފެނިގެންދިޔައެވެ.
ސިޓީން އެ ޓީމުގެ މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއިރު އާސެނަލާ އެވަޓަން ބައްދަލުކުރި މެޗުގައި އާސެނަލުން ދިޔައީ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މި މެޗުގެ 40 ވަނަ މިނެޓުގައި އެވަޓަންއަށް ލިބިގެންދިޔަ ހިލޭ ޖެހުމެއްގައި އިދުރީސާ ގުއޭޔޭ ކާމިޔާބުކުރި ލަނޑާ އެކު އެމިރޭޓްސް ސްޓޭޑިއަމްއަށް ހަމަހިމޭންކަން ފެތުރިގެންދިޔައެވެ.
އެއް ވަގުތެއްގައި ކުޅެމުންދިޔަ ދެ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އިތުރު ދެ ލަނޑު ފެނިގެންދިޔައެވެ. މިގޮތުން, ސިޓީއާއި ވެސްޓް ހޭމް މެޗުގެ 42 ވަނަ މިނެޓުގައި ވެސްޓް ހޭމްއަށް ލިބިގެންދިޔަ ފުރަތަމަ ކޯނަރުގައި ސިޓީގެ ކުޅުންތެރިންނަށް ރަނގަޅަށް ބޯޅަ ކްލިއާ ނުކުރެވުމުގެ ފައިދާ ނަގައި ވެސްޓް ހޭމްއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކޮށްލިއެވެ. އޯވަހެޑަކުން ވެސްޓް ހޭމްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުހަންމަދު ކުޑޫޒްއެވެ. އަދި، އެއް މިނެޓް ފަހުން އާސެނަލާއި އެވަޓަން ބައްދަލުކުރި މެޗުގައި އާސެނަލުން ލަނޑެއް ޖަހާ އެ މެޗުގެ ނަތީޖާ ހަމަހަމަ ކުރިތަން ވެސް ފެނިގެންދިޔައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޓަކެހީރޯ ޓޮމިޔާސޫއެވެ.
ދެވަނަ ހާފު ސިޓީން ފެށީ ބޮޑަށް މެޗު ކޮންޓްރޯލްކޮށް ލިބޭ ފުރުސަތަކަށް އިންތިޒާރުކުރާ އުސޫލުންނެވެ. މިގޮތުން, އެ ޓީމުން ދިޔައީ ހަމަލާއަކަށް ފަހު ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ. ސިޓީގެ ކުޅުންތެރިން ކެތްތެރިކަމާ އެކު ހަމަލާއެއް އުފެއްދުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 59 ވަނަ މިނެޓުގައެވެ. ސިޓީގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ. މި ލަނޑާ އެކު ސިޓީގެ ސަޕޯޓަރުން އުފާފާޅުކުރުން ފެށިތަން ފެނިގެންދިޔައެވެ. މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ސިޓީއަށް ލިބުނެވެ.
އާސެނަލުން އެ 89 ވަނަ މިނެޓުގައި ކައި ހަވާޓްސް ޖަހައިދިން ލަނޑުން ލީޑު ނެގި ނަމަވެސް ސިޓީން އެ ޓީމު ކުލުނު މެޗު ކާމިޔާބުކުރުމާ އެކު ސިޓީން ވަނީ އެ ޓީމުން ކުޅުނު 38 މެޗުން 91 ޕޮއިންޓް ހޯދާ ލީގު ކާމިޔާބުކޮށްފައެވެ. އެއީ، މިހާތަނަށް އިނގިރޭސި ފުޓުބޯޅައިގައި އެހެން އެއްވެސް ޓީމަކަށް ހާސިލުކުރެވިފައިވާ ޝަރަފެއް ނޫނެވެ.
މީގެ 136 އަހަރު ކުރިން 1888 ވަނަ އަހަރު އިންގްލިޝް ލީގު ތައާރަފުކުރި ފަހުން އެއްވެސް ޓީމަކަށް ޖެހިޖެހިގެން ހަތަރު ފަހަރަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެކަމަކު، ސިޓީން މިރޭ އެ ވަނީ އެ ތާރީޚު ބަދަލުކޮށްލައިފައެވެ.