ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން އިއްޔެ ހެނދުނު ގެއްލުނު ބިދޭސީ މީހާ މިއަދު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދިޔަ އެ މީހާ ކަޔަކް ބޯޓުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދު ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ އިއްޔެ 15:30 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެއީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އޭނާ ފެނައިފައިވަނީ މިއަދުގެ 09:25 ހާއިރު ގއ. ރެސިޑެންސް މޯލްޑިވްސް ރިސޯޓްގެ މޫދުން އެ ރިސޯޓްގެ މުވައްޒަފުންނަށް ކަމަށް ވެސް ބުންޏެވެ.

އޭނާ މަސައްކަތްކުރާ ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ރެސިޑެންސް މޯލްޑިވްސް ރިސޯޓުން މިހާރު ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދަ ވެސް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެން ކަމުން ހުރިހާ އެންމެން ވެސް، އަދި ވަކިން ޚާއްސަކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.