20 May 2024, 11:03
އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، އެ މަނިކުފާނު އަވަހާރަވެފައިވާކަން އެ ގައުމުގެ ދައުލަތުގެ މީޑިއާއިން މިއަދު މިވަނީ ކަށަވަރުކޮށްދީފައެވެ.
ސުވާލަކީ މިހާ ހިސާބުން ދެން އެ ގައުމުގެ ސަރުކާރު ހިންގުމުގެ ބާރުތައް ބެހިގެން އަންނާނީ ކިހިނެއްތޯއެވެ.
އީރާންގެ ގާނޫނު ބުނާގޮތުން ރަައީސް އަވަހާރަވާ ހާލަތުގައި ނުވަތަ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ނުކުޅެދޭ ހާލަތުގައި ބާރުތަކާ ދެން ހަވާލުވެވަޑައިގަންނަވާނީ އެ ގައުމުގެ ފުރަތަމަ ނައިބު ރައީސެވެ. އޭނާ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެން ގިނަވެގެން 50 ދުވަހުގެ ތެރޭ އާންމު އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.
އެހެން ގައުމުތަކާ ޚިލާފަށް އީރާންގެ ފުރަތަަމަ ނައިބު ރައީސްކަމުގެ މަގާމަކީ އިންތިޚާބީ މަގާމެއްގެ ބަދަލުގައި އައްޔަންކުރާ މަގާމެކެވެ. އެހެންކަމުން ކިތަންމެ ގިނައިން ވެސް އެ މަގާމަށް މީހުން އައްޔަން ކުރެވޭނެއެވެ. ނަވާރަސަތޭކަ އަށްޑިހަ ނުވަވަނަ އަހަރު ބޮޑުވަޒީރުކަމުގެ މަގާމު އުވައިލުމާއެކު ނައިބު ރައީސަށް އެ މަގާމުގެ ބައެއް ބާރުތައް ވަނީ ލިބިދީފައެވެ.
މި ވަގުތު އެ ގައުމުގެ ފުރަތަމަ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވީ ރައިސީ އައްޔަންކުރެއްވި މުޙައްމަދު މުޚްބާރެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ 2021ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. މުޚްބާރަކީ ފުރަތަމަ ނައިބު ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ހަތްވަނަ ބޭފުޅާއެވެ.