20 May 2024, 11:22
ތެހެރާން (20 މޭ 2024) : ރިޔާސީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން އަވަހާރަވެފައިވާކަން އީރާން ސަރުކާރުން މިހާރުވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. މިކަން އިއުލާނުކުރައްވާފައިވަނީ އީރާނުގެ ދެވަނަ ނައިބު ރައީސް ކަމަށްވާ މުހުސިން މަންސޫރީ އެކްސްގައި ކުރެއްވި ރަސްމީ ޓްވީޓެއްގައެވެ.
އީރާނުގެ އެއްވަނަ ނައިބު ރައީސަކީ ޑރ. މުހައްމަދު މުޚްބިރެވެ. އިބްރާހީމް ރައީސީ އަވަހާރަވެފައިވާއިރު އޭނާއަށްފަހު އެގައުމުގެ ރައީސްކަމަށް ވަގުތީ ގޮތުން އިސްވެވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވަނީ ނައިބު ރައީސް ޑރ. މުހައްމަދު މުޚްބިރު އެވެ.
އީރާނުގެ ގާނޫނާބެހޭ ޕްރޮފެސަރެއްކަމަށްވާ ޑރ. އައްބާސް އަސްލާނީ ވިދާޅުވާގޮތުގައި ރައީސް އަވަހާރަވެއްޖެ ހާލަތެއްގައި ގައުމުގެ ކަންކަން ބެލެހެއްޓުމަށް ޕާލަމެންޓުން ވަގުތީ ކައުންސިލެއް އެކުލަވާލާނެއެވެ. އެކައުންސިލްގެ ވެރިއަކަށް ހުންނަވަނީ ނައިބު ރައީސެވެ. ދެނައިބު ރައީސުން ތިއްބަވާނަމަ އެއްވަނަ ނައިބު ރައީސެވެ. އެއަށްފަހު އަލުން ރައީސަކު ހޮވުމަށްޓަކައި އިންތިޚާބެއް ބާއްވާނެއެވެ. ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރެވެންދެން ރައީސްގެ މަގާމު އަދާކުރައްވާނީ ނައިބު ރައީސެވެ.
އުމުރުން 69 އަހަރުގެ ޑރ. މުހައްމަދު މުޚްބިރަކީ 1980 ގެ އަހަރުތަކުގައި އީރާނާއި އިރާގާ ދެމެދު ހަނގުރާމަ ހިނގި ދުވަސްވަރު އީރާން ސިފައިންގެ ތެރޭގައި އޮފްސަރެއްގެ މަގާމުގައި ޚިދުމަތް ކުރެއްވި އަސްކަރީ ގާނޫނީ އަދި އިންޖިނޭރިން މިދާއިރާތަކުގެ ބެކްގްރައުންޑް ހުރި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. މުޙައްމަދު މުޚްބިރު އުފަންވެވަޑައިގެންފައިވަނީ އީރާނުގެ ހުޅަނގު ދެކުނުގެ ސަރަހައްދެއްކަމަށްވާ ޚޫޒިސްތާނުގެ ދެޒްފޫލް ސިޓީގައެވެ.
ޑރ. މުޚްބިރު ގެ ބައްޕައަކީ އީރާނުގެ އިސް ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ނަމަވެސް ސްކޫލް ތައުލީމު ފުރިހަމަ ކުރެއްވުމަށްފަހު މުޚްބިރު ޔުނިވާސީޓީގައި އެންމެ ފުރަމަ ބެޗްލާސް ޑިގްރީ ހާސިލް ކުރެއްވީ އިލެކްޓްރިކަލް އިންޖިނޭރިންގެ ރޮނގުންނެވެ. އެއަށްފަހު މުޚްބިރު ދެ މާސްޓާސް ޑިގްރީ އާއި ދެ ޕީއެޗްޑީ ހާސިލް ކުރައްވާފައިވެއެވެ.
ފުރަތަމަ މާސްޓާސް ހާސިލް ކުރައްވާފައިވަނީ މެނޭޖްމަންޓާއި ޕްލޭނިންގެ ރޮނގުންނެވެ. އެރޮނގުން ފުރަތަމަ ޕީއެޗްޑީ ވެސް ހާސިލްކުރެއްވިއެވެ. އެއަށްފަހު އަހަރުތަކެއް ފަހުން ދެވަނަ މާސްޓާސް ޑިގްރީއެއް އިންޓަނޭޝަނަލް ލޯގެ ދާއިރާއިން ހާސިލް ކުރައްވާފައިވެއެވެ. އަދި އެއަށްފަހު އިންޓަނޭޝަނަލް ލޯގެ ދާއިރާއިންވެސް ޕީއެޗްޑީއެއް ހާސިލް ކުރައްވާފައިވެއެވެ.
ނައިބު ރައީސްކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އަވަހާރަވި ރައީސް އިބްރާހީމް ރައީސީ ވެރިކަމުގައެވެ. އީރާނުގައި ދެ ނައިބު ރައީސުން ތިއްބަވައެވެ. އަދި ބައެއްފަހަރު ތިން ނައިބު ރައީސުންވެސް ތިއްބަވައެވެ. ނައިބު ރައީސްކަމަށް އައްޔަން ކުރުމުގެ ކުރިން ޑރ. މުޚްބިރު އީރާން ސަރުކާރުގެ މެދުފަންތީގެ އިދާރީ އަދި ފަންނީ މަގާމުތަކާއި މަތީ ފަންތީގެ އިދާރީ އަދި ފަންނީ މަގާމުތައް އަދާކުރައްވާފައިވެއެވެ.
މީގެތެރޭގައި އީރާނުގެ ބައެއް މުއައްސަސާތަކުގެ ފަންނީ އަދި އިދާރީ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމުތަކާ އަދި އީރާނުވެ ދީނީ މުރުޝިދު އަދި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ކުރިން ހުންނެވި އާޔަތުﷲ ޚުމައިނީ އައްޔަން ކުރެއްވި މަގާމަކާ އަދި އީރާނުގެ މިހާރުގެ ދީނީ މުރުޝިދު އަދި ދައުލަތުގެ އިސްވެރިޔާ އާޔަތުﷲ އަލީ ޚަމަނާއި އައްޔަން ކުރައްވާ ސިޔާސީ ދެ މަގާމެއްވެސް ޑރ. މުހައްމަދު މުޚްބިރު އަދާކުރައްވާފައިވެއެވެ.
ޑރ. މުޚްބިރުގެ އާއިލާއަކީ ކޮންޒަވެޓިވް ދީނީ އާއިލާއެކެވެ. އޭނާ ތަރުބިއްޔަތު ވެފައިވަނީވެސް ދީނީ ގައުމީ އަދި ކޮންޒަވެޓިވް ވަރަށް ހަރުދަނާ އަސާސްތަކެއްގެ މަތީގައެވެ. ޑރ. މުޚްބިރަކީ ނައިބު ރައީސަކަށް ވުމުގެ އިތުރުން އީރާނުގެ ސިޔާސަތުތައް ކަނޑައަޅާ މުހިއްމު އެއް މުއައްސަސާކަމަށްވާ "އެކްޕެޑިއެންސީ ޑިސާންމެންޓް ކައުންސިލް" ގެ ވެސް މެންބަރެކެވެ.
އީރާނުގެ އަވަށްޓެރި އަރަބި ގައުމުތަކާ ޚިލާފަށް އީރާނަކީ ފަރުދީވެރިކަމުގެ ނިޒާމެއް އޮންނަ ގައުމެއް ނޫނެވެ. އީރާނަކީ އިންތިޚާބީ މުއައްސަސާތަކާއި ލަފާދޭ ތަޖުރިބާކާރުންގެ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ ވެރިކަމުގެ ވަރުގަދަ ނިޒާމެކެވެ. އީރާނުގެ ރައީސުލްޖުމްހޫރިއްޔާ އަދި ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށްވާ ދީނީ މުރުޝިދު ބަދަލުވުމަކުން އެގައުމުގެ މައިގަނޑު ސިޔާސަތުތަކަށް ބަދަލުއަންނަ ގޮތަށް ނިޒާމު ބައްޓަންކޮށްފައިވާ ގައުމެއް ނޫނެވެ.
އީރާނަކީ ބާރުތައް ވަރަށް ބޮޑަށް ބަހާލާގޮތަށް ގިނަ މުއައްސަސާތަކެއްގެ މައްޗަށް އެކުލެވިފައިވާ ވަރުގަދަ އުސޫލަކަށް ދަސްތޫރު ބައްޓަންކޮށް އޭގެ މަތީގައި ވެރިކަންކުރާ ގައުމެކެވެ.
އިސްވެރިން ބަދަލުވުމަކުން އީރާނުގެ ދައުލަތުގެ މައިލަނޑުދަނޑިތަކާއި މައި ސްޓްރެޓީޖިކް ސިޔާސަތުތައް ބަދަލެއް ނުވާނެއެވެ. ނަމަވެސް މައިލަނޑުދަނޑިތަކާއި މައި ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންކުރާ އުކުޅުތަކާއި ގޮތްތައް (ސްޓްރެޓެޖީތައް) ބަދަލުވާނެއެވެ. އަދި ސްޓްރެޓެޖީތައް ތަންފީޒުކުރުމަށް ބޭނުންކުރާ އެކްޓިވިޓީތަކުގެ ބައްޓަމާއި އޭގެ ބާވަތްތަކަށް ބޮޑެތި އަދި ގިނަ ބަދަލުތަކެއްވެސް ވެރިން ބަދަލުވުމާއެކު އައުމަކީ އެކަށީގެންވާ ކަމެކެވެ.
އީރާނުގެ ވެރިކަމުގެ ނިޒާމުތައް ހިމެނޭ ދަށުފަންތީގެ ލޭޔަރު ބިނާވެފައިވަނީ ކުދިކުދި ލޯކަލް ކައުންސިލްތަކާއި އެއަށްފަހު ސިޓީ ކައުންސިލްތަކާ އަދި ޕްރޮވިންސްތަކުގެ ކައުންސިލްތަކުގެ މައްޗަށެވެ. މިއީވެސް އިންތިޚާބީ ކައުންސިލްތަކެކެވެ. މިތަންތަނުގެ އިސްވެރިންގެ ގޮތުގައި ތިއްބަވާނީ އިންތިޚާބު ކުރެވޭ ކައުންސިލް ރައީސުންނާއި މޭޔަރުންނާ އަދި ގަވަރުނަރުންނެވެ.
އީރާނުގެ އެންމެ ބޮޑު ސިޔާސީ މުއައްސަސާއަކީ އިންތިޚާބުކުރެވޭ ޕާލަމެންޓެވެ. އެނޫން މުއައްސަސާތަކުގެ ތެރޭގައި "ތަޖުރިބާކާރުންގެ ކައުންސިލް"، "ގާޑިއަން ކައުންސިލް" އަދި "އެކްޕެޑިއެންސީ ޑިސާންމެންޓް ކައުންސިލް" އަދި ގައުމީ "ސަލާމަތާބެހޭ ކައުންސިލް" ހިމެނެއެވެ.
މީގެއިތުރުން އިންތިޚާބު ކުރާ ރައީސުލްޖުމްހޫރިއްޔާ އަކާ އަދި އިސް މުއައްސަސާތަކުގެ މެންބަރުންގެ ފަރާތުން އިންތިޚާބުކުރާ ދައުލަތުގެ އިސްވެރިޔާ ނުވަތަ ދީނީ މުރުޝިދު ހުންނަވައެވެ. ދީނީ މުރުޝިދަކީ އީރާނުގެ ހައިރާކީގައި ދައުލަތުގެ އެންމެ އިސްވެރިޔާ އެވެ. މައިގަނޑު ގޮތެއްގައި ގައުމުގެ ސަލާމަތާއި އަމަނާބެހޭ ކަންކަމުގައާ އަދި ޚާރިޖީ ކަންކަމުގައި އެންމެ ފަހު ބަސްބުނާ ފަރާތަކީ ދައުލަތުގެ އިސްވެރިޔާ ނުވަތަ ދީނީ މުރުޝިދެވެ. ދެވަނަ އިސްވެރިއަކީ ތަންފީޒީ ބާރުތަކުގެ ވެރިޔާ ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އެވެ.
އީރާނަށް ކުރިމަތިވާ އާދަޔާ ޚިލާފު ބޮޑެތި ހުރިހާ ކަންކަން ނިންމުމުގައާ އަދި އެ ގައުމުގެ މައި ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރުގެ ވެރިޔާ ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އަށާ އަދި ދައުލަތުގެ އިސްވެރިޔާ ކަމަށްވާ ދީނީ މުރުޝިދަށް ލަފާދެއްވާނީ ތަޖުރިބާކާރުންގެ ކައުންސިލާއި ގާޑިއަން ކައުންސިލާއި އެކްޕެޑިއެންސީ ޑިސާންމެންޓް ކައުންސިލާ އަދި ގައުމީ ސަލާމަތާބެހޭ ކައުންސިލުންނެވެ. މިކައުންސިލްތަކުގެ ލަފައާ ނުލައި ގައުމީ މަސްލަހަތާ ގުޅިފައިވާ ބޮޑެތި ކަންކަން ކަނޑައެޅުމާއި އެކަންކަން ނިންމުމުގެ ބާރު ދީނީ މުރުޝިދަށް ވެސް ލިބިގެން ނުވެއެވެ.