21 May 2024, 10:06
މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދަރިވަރުން ވައްދަން ހުޅުވާލި ފުރުސަތުގައި އަތޮޅުތަކުން 1126 ފޯމު ލިބިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މާލެ ސަރަހައްދުގެ ސަކޫލްތަކަށް ދަރިވަރުން ވެއްދުމަށް ފުރަތަމަ ފުރުސަތު ހުޅުވާލީ މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށް ފަހު 15 ވަނަ ދުވަހާއި 16ވަނަ ދުވަހު ވެސް އިތުރު ފުރުސަތެއް ދިނެވެ.
ތައުލީމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ފަހަކުން ފެށިގެން ހަތަކަށް ފޯމު ހުށައެޅުމަށް އެ ވުޒާރާއިން ހުޅުވާލި ފުރުސަތުގައި، އަތޮޅުތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަނުމަށް 967 ފޯމެއް ވަނީ ހުށައަޅާފައެވެ.
ދެ ދުވަހުގެ މުއްދަތައް މި މަހުގެ 15އިން 16 އަށް ހުޅުވާލި ފުރުސަތުގައި 293 ފޯމު ލިބިފައިވާކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.
މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ހުށައަޅާފައިވާ 159 ފޯމަކާއި މާލެ ސަރަހައްދުން ހުށަހަޅާފައިވާ 134 ފޯމެކެވެ.

އިސްކަންދަރު ސްކޫލްގެ ޓީޗަރު ހަސަން އަހްމަދު ކްލާސް ރޫމްގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން
ތިން ދުވަހުގެ މުއްދަތައް މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހަށް ހުޅުވާލި ފުރުސަތުގައި އެ ވުޒާރާއަށް 4117 ފޯމެއް ހުށައަޅާފައިވާކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ކަމުގައި އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަދި ޕްރީ ސްކޫލް ނިންމައި ގްރޭޑް އެކަކަށް ވަނުމަށް އެދި 1990 ފޯމެއް ހުށައަޅާފައި ވާއިރު ގްރޭޑް ބަދަލްކުރުމަށް އެދި 1158 ފޯމު އެ އިދާރާއަށް ވަނީ ހުށައަޅާފައެވެ.
އެއާއެކު ދެ ފަހަރެއްގެ މަތިން ހުޅުވާލި މި ފުރުސަތުތަކުގައި މުޅި ޖުމްލަ 4410 ފޯމެއް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ދިރާސީ އައު އަހަރު ފެށެނީ މި މޭ މަހުގެ 26 ވަނަ ދުވަހުގައެވެ.