20 May 2024, 19:32
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ގައި އެދުމަކީ ރާއްޖެއިން މަރުހަބާ ކިޔާ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ޔޮއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަށް އައީސީސީގައި އެދިފައި ވަނީ ޗީފް ޕްރޮސެކިއުޓަރު ކާރިމް ޚާން ކޭސީއެވެ. އޭނާ ވިދާޅުވީ އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ޒިންމާ އެ ދެ ލީޑާރުން ނަގަން ޖެހޭ ކަމަށެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރަން އަމުރު ނެރުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ހުރިހާ ގައުމެއްގެ މައްޗަށް ވެސް ބައިނަލްއަގުވާމީ ގާނޫނު ހިނގާނެ ކަމަށާއި ފަލަސްތީނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ މީހުން ކުށަށް ޒިންމާ ކުރުވަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާކަން ސާބިތުކުރެވޭ ވަރަށް ޕްރޮސެކިއުޓާސް އޮފީހުން ހެކި ހޯދާފައިވާ ކަމުގެ ޔަގީންކަން ރާއްޖެއަށް އޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެވެން އޮތް ހުރިހާ ގޮތެއް އަޅުގަނޑުމެން ބަލާނަން،" ރައީސް ވިދާޅުވިއެވެ.
އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ހުށަހެޅުއްވި މައްސަލަ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ޕެނަލަކުން ބައްލަވައި، ހައްޔަރުކުރުމުގެ އަމުރު ނެރުމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެއެވެ.
އިސްރާއީލަކީ އައިސީސީގެ މެންބަރު ގައުމެއް ނޫނެވެ. އެހެންވެ، ހައްޔަރު ކުރަން އަމުރު ނެރުނަސް ނަތަންޔާހޫއާއި ގަލަންޓްގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް އެފަދަ އަމުރެއް ނެރެފި ނަމަ، ދެ ލީޑަރުންނަށް ވެސް ބޭރު ގައުމުތަކަށް ދަތުރުކުރައްވަން ގޮންޖެހުންތައް ކުރިމަތިވެ، ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލް އިތުރަށް އެކަހެރިވާނެއެވެ.
އިސްރާއީލުން އޮކްޓޯބަރު ހަތެއްގެ ފަހުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35,562 މީހުން ޝަހީދުކޮށްފައިވެއެވެ.