20 May 2024, 23:57
މާލޭގެ މަގެއް މަތީ ހިންގި މާރާމާރީއެއްގައި ޝާމިލްވާ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ މަޖީދީ މަގުގައި ދެ މީހަކު މާރާމާރީ ހިންގައި ހަޑިހުތުުރު ބަހުން ވާހަކަދައްކާ ތަނެވެ. ޓްރެފިކް ބޮޑު އެ މަގުގައި، އެކަންތައް ހުއްޓުވަން މަސައްކަތް ކުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
އަދި، މާރާމާރީއަށް ފަހު އެމީހުންތައް ސައިކަލުތަކުގައިދާ ފަހުން އެތަނަށް ފުލުހުން އަންނަ މަންޒަރު ވެސް ފެނެއެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިރޭ ވިދާޅުވީ މި މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލޭގައި މާރާމާރީތައް ހިންގުމަކީ އާންމު ކަމެކެވެ. އެގޮތުން ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދައްކައިގެން މާރާމާރީއެއް ހިންގި މައްސަލައެއް ހޮނިހިރު ދުވަހުގެ ރޭ ފެންމަތިވިއެވެ.