21 May 2024, 08:54
މިއުޒިކް އިންޑަސްޓްރީގެ އެންމެ މަގުބޫލު ތަރީންގެ ތެރޭގައި ހިމެނޭ ޖެނިފާ ލޮޕޭޒް (ޖޭލޯ)އަށް އާންމުންގެ ތެރޭގައި ބޮޑެތި ފާޑުކިޔުންތަކެއް ކިޔަން ފަށައިފިއެވެ.
"ލަވް ޑޯންޓް ކޯސްޓް އަ ތިންގް"އާއި "އޮން ދަ ފްލޯ" ފަދަ ބޮޑެތި ހިޓުތަކާ އެކު މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ޖޭލޯއަކީ އެތައް ޒުވާނުންނެއް ބޮޑުވަމުން އައިއިރު އަޑު އަހައި އުޅުން ލަވަކިޔުންތެރިޔެކެވެ. އެތައް އަހަރެއް ވަންދެއް ޖޭލޯއަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޯބި އޮތެވެ. ނަމަވެސް، އެ ލޯބި މިހާރު ފޫއްސަށް ބަދަލުވެއްޖެކަން ސޯޝަލް މީޑިއާއިން އެނގެއެވެ.
ޖޭލޯގެ ކެރިއަރުގައި ވެސް އެކި ކަހަލަ ކޮންޓްރޮވާސީތައް ވަނީ އޭނާއަށް ރައްދުވެފައެވެ. ނަމަވެސް، އޭނާގެ އެންމެ ފަހުގެ އަލްބަމްއާ އެކު އެ ހުރިހާ ކަމެއް ވަނީ އަނެއްކާ އަލުން ފެންމަތިވެފައެވެ.
ޖޭލޯ އަލަށް ނެރުނު އަލްބަމަކީ އޭނާ އަމިއްލައަށް ލިޔެ ޑައިރެކްޓުކޮށް އުފައްދައި ފިލްމަކާ އެކު ރިލީޒްކުރި އަލްބަމެކެވެ. ނަމަވެސް، އެއިން އެއްވެސް ލަވައެއް ކަމުނުދާ ކަމަށް އެތައް ބަޔަކު ބުނަމުން އައިއިރު އޭނާގެ ހުރިހާ ހުނަރެއް ގުޅިފައިވަނީ ކުރީގެ ލަވަކިޔުންތެރިއެއް ކަމަށްވާ އާލިއާއާ ކަމަށް ބުނެ ފާޑުކިޔަން ފެށީ އެހާ ހިސާބުންނެވެ.
އާރުއެންބީ ލަވަކިޔުންތެރިޔާ އާލިޔާގެ ސާމްޕަލްތަކަކާއި އޭނާގެ ވޯކަލްތައް ބޭނުންކޮށްގެން އަމިއްލަ ކެރިއަރެއް އުފެއްދި ކަމަށް ބުނެ ތަފާތު ތުހުމަތުތަކެއް ޖޭލޯއަށް ވަނީ ރައްދުކޮށްފައެވެ. އެ ސަބަބާ ހުރެ އަމިއްލަ އެއްވެސް ހުނަރެއް ނުހުންނަ ތަރިއެއްގެ ގޮތުގައި ޖޭލޯ ވަނީ ލޭބަލްވެފައެވެ.
ނަމަވެސް، އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ޖޭލޯއަކީ އަމިއްލަ އެދުން ބޮޑު އަދި ފޭނުންނާ މެދު ގޯސްކޮށް އަމަލު ކުރާ ތަރިއެއްގެ ގޮތުގައި ވެސް ވަނީ ލޭބަލްވެފައެވެ. އަލްބަމް ރިލީޒްކުރުމާ އެކު، ޖޭލޯއާ ބައްދަލުވެފައިވާ ގިނަ ބައެއްގެ ވާހަކަތައް ވަނީ އާންމުވާން ފަށާފައެވެ. އަދި، އެއީ ޖޭލޯއަކީ ބޮޑާ، ކިބުރުވެރި އަދި "އީގޯ"އިން ފުރިގެންވާ ތަރިއެއް ކަމުގައި މީހުން ވަނީ ބުނެފައެވެ.
މި ސަބަބުތަކާ ހުރެ މުޅި އިންޓަނެޓް ޖޭލޯ ދެކެ ފޫހިވެފައިވާ ކަމަށް ވަނީ ފެންނަން ފަށާފައެވެ.