21 May 2024, 09:15
ހެދުންތައް ދާވުމުން އަބަދު އެ ދޮވެ، ހިއްކައި ހެދުމަކީ އެންމެން ވެސް ކުރަން ވަރަށް ފޫހިވާ ކަމެކެވެ. ނަމަވެސް، އެއަށްވުރެ ވެސް އެންމެ ފޫހިވާ އަނެއް ކަމަކީ ހެދުންތައް ފަތް ޖެހުމެވެ. މިއީ އެކަމަކު އެކަން ކުރަން އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟
ހެދުންތައް ހިއްކުމަށްފަހު އެ ފަތް ޖެހުމަކީ އެންމެ ފޫހިވާ އެއް ކަންތަކެވެ. އެއްބައި ފަހަރަށް ހިއްކާފައި ހުންނަ ހެދުން ފަތް ޖެހުމުގެ ކުރީން އެނދުން ގޮނޑިއަށް އަދި ގޮނޑީން އެނދަށް އެތައް ދަތުރުތަކެއް ކުރާނެއެވެ. އަދި، ބައެއް ފަހަރު ހެދުންތައް ދޮންނަތާ ހަފުތާއެއް ފަހުން ވެސް އެ ފަތްޖެހޭ ހިސާބަށް ގޮސްދާނެއެވެ.
އެކަމަކު، ހެދުން ކޮންމެހެން ފަތްޖެހުން މުހިއްމު ހެއްޔެވެ؟ ގިނަ ފަހަރަށް ހެދުން ފަތްޖަހައި އެ ބޭނުންކުރާއިރު ހުންނާނީ ވަރުގަދަ ރޮނގުތަކެއް އަރާފައެވެ. މި ފަތްޖެހިފައި ހުންނަ ރޮނގުތަކަކީ ފިލުވަން އެއްބައި ފަހަރަށް ފަސޭހަ ވެސް އެއްޗެއް ނޫނެވެ. އެއްބައި ފަހަރަށް މި ރޮނގުތައް ފިލުންވަން ޖެހޭނީ ވަރަށް ގަދައަށް އިސްތިރި ކޮށްގެނެވެ.
ބައެއް ކަހަލަ މެޓީރިއަލް އެއްޗެއްސަކީ ދޮން ގަދަކޮށް އިސްތިރި ކުރާއިރަށް އޭގެ ކޮލިޓީ ގެއްލި ބައެއް ފަހަރަށް މެޓީރިއަލްއަށް ވެސް ގެއްލުންވާ އެއްޗެއްސެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ބައެއް ކަހަލަ މެޓީރިއަލް ތަކަކީ ސެޓިން، ލިނެން އަދި މަހުމާއެވެ.
އެހެންވީމާ ހެދުން ފަތް ޖެހުން ގޮތެއް ނޫން ގޮތެއް އެބަ ހޯދަން ޖެހެއެވެ. ހެދުންތައް ފަތް ޖެހުމުގެ ބަދަލުގައި އެ އޮޅަން ފެށުން ވަރަށް މުހިއްމެވެ.
ހެދުން އޮޅައި ހެދުމަކީ އާ ކަމެއް ނޫނެވެ. ގިނަ ފަހަރަށް ދަތުރެއް ދާއިރު ގިނަ ހެދުންތައް ކުޑަ އެއްޗަކަށް އެޅުމަށްޓަކައި އެ އޮޅާލައި އެ ދަބަހަށް އަޅައެވެ. މިއީ އާންމު ދިރިއުޅުމުގައި ބޭނުން ކުރަން ރަނގަޅު އާދައެކެވެ.
އާންމުކޮށް ފަތް ޖަހައި މަތިމައްޗަށް ހެދުންތައް ބެހެއްޓުމުގެ ބަދަލުގައި ބާރުކޮށް އޮޅާލުމަކީ ފަހަށް ފަސޭހަވާނެ އާދައެކެވެ. އެގޮތުން، ޖީންސްތައް ވެސް ރޫތައް ނުހުންނަ ގޮތަށް ބާރުކޮށް އޮޅާލާފައި ރީތިކޮށް އަތުރާލާށެވެ. މިއީ ޖީންސްތައް ލައިގެން އަވަހަށް ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ރަނގަޅު އުކުޅަކަށް ވާނެއެވެ. މިގޮތަށް ކަންތައް ކުރާ ނަމަ ޖީންސްތައް އިސްތިރި ކުރުމުގައި ވަގުތު ހޭދަކުރާކަށް ނުޖެހޭނެއެވެ. ޓީޝާޓްތައް ވެސް މިހެން ހަދާލެވޭނެއެވެ.
އޮޅަން ބޭނުންނުވާ އެއްޗެއް ނަމަ ކޮނޑުގައި އަޅުވާލާފައި ބެހެއްޓުން ރަނގަޅު ވާނެއެވެ. މިއީ ހަމަ ވަގުތުން އެ ލައިގެން ދެވޭނެ ގޮތެކެވެ.