20 May 2024, 23:12
ގަވާއިދާ ޚިލާފަށް ބިދޭސީން އެތެރެކުރަމުންދާތީ، ބަންގްލަދޭޝް މަސައްކަތު މީހުން އެތެރެކުރުން މިހާރު ހުއްޓާލާފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީގެ ސްޕޯކްސްޕާސަން ފާތިމަތު ރިފާތު ވިދާޅުވީ، ބަންގްލަދޭޝް މަސައްކަތު މީހުން ރާއްޖެ އެތެރެކުރުން މީގެ އެއް މަސްކުރިން ހުއްޓާލާފައިވާ ކަމަށެވެ.
އަދި އެއީ ބައެއް ކުންފުނިތަކުން ފޭކް ޑޮކިއުމަންޓުތައް ހުށަހަޅައިގެން މީހުން އެތެރެކުރާކަން ފާހަގަކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މިހާރު ތަހުގީގުތައް ކުރަމުންދާ ކަމަށް ރިފާތު ވިދާޅުވިއެވެ.
ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެކުރާ ބިދޭސީން އިތުރުވާ މައްސަލަ ވަރަށް ބޮޑެވެ. އެގޮތުން ހޯމް މިނިސްޓްރީން ވަނީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ހިންގާ އޮޕަރޭޝަން 'ކުރަނގި'ގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުސާ ނަދީމް
އެގޮތުން މިހާތަނަށް 700އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯ މެޓްރިކް ޑޭޓާ ވަނީ އެއްކޮށްފައެވެ.
ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ރާއްޖެ ގެނައުން 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ހުއްޓުވިއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު މި ސަރުކާރުން ވަނީ ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް އަލުން ހުއްދަ ދީފައެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވި ގޮތުގައި ރާއްޖެއަށް ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ގެންނަން ދޫކުރާ ވޯކް ޕާމިޓްގެ އެކްޓިވް ޕާމިޓުގެ ގޮތުގައި މިހާރު ވެސް 135،149 ޕާމިޓް އެބައޮތެވެ. އޭގެ ތެރެއިން ގަވާއިދާ އެއްގޮތަށް ފައިސާ ދައްކަމުން އަންނަނީ އެންމެ 39،004 ޕާމިޓްގެ ކަމަށް އެ މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން، ޑިސެމްބަރު 17، 2023ގެ ނިޔަލަށް ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދަކީ 90،624 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކު، 135،149 އެކްޓިވް ވޯކް ޕާމިޓު ދޫކުރެވިފައިވެއެވެ.
ގާނޫނު ބުނާގޮތުން އެއް ގައުމަކުން އެންމެ ގިނަވެގެން އަންސްކިލްޑް ލޭބަރުން ގެނެވޭނީ 100،000 މީހުންނެވެ.