21 May 2024, 09:01
މި އަހަރުގެ ފެބްރުއަރީ މަސް ތެރޭ ބަލިވެއިންކަން އިއުލާނުކުރި ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމްއަށް ފިރިހެން ކުއްޖެއް ލިބިއްޖެއެވެ.
އަލަތު ދަރިފުޅު ލިބުނުކަން އިއުލާނުކުރަމުން ޔާމީއާއި ފިރިމީހާ އަދިތްޔަ ދަރް ވަނީ ދަރިފުޅުގެ ނަމަކީ ވެދާވިދްކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައެވެ.
އެންމެ ފަހުން ފިލްމު "އާޓިކަލް 370"އިން ބެލުންތެރިންނަށް ފެނުނު ބަތަލާ ބަލިވެއިންކަން އިއުލާނުކުރީ މި ފިލްމުގެ މަސައްކަތް އެއްކޮށް ނިމި ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހަފުލާގައެވެ. ފިލްމުގެ ޝޫޓިން ކުރިއަށްދިޔައިރު ގިނަ ބަޔަކަށް ބަތަލާ ބަލިވެއިންކަން ނުވެސް އެނގޭނެ ކަމަށާއި ބަލިވެއިނުމާ ގުޅިގެން ޓީމުގެ އެއްވެސް މެންބަރެއްގެ ފަރާތުން ޚާއްސަ ޚިދުމަތެއް ނުވަތަ ސަމާލުކަން ހޯދަން ބޭނުންނުވާތީ އެކަން އަންގަން ބޭނުންނުވީކަމަށް ޔާމީ ވަނީ ބުނެފައެވެ.

ބަތަލާ ޔާމީ ފިލްމު "އާޓިކަލް 370"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
ފިލްމު "އާޓިކަލް 370"އަކީ ގިނަ އެކްޝަން ސީންތަކެއް ޔާމީ ކުޅުނު ފިލްމަކަށްވެފައި މާބަނޑު ވިޔަސް ޔާމީގެ އެކްޝަން ސީންތައް ވަރަށް ފުރިހަމައަށް ބަތަލާ ނިންމިކަން ފިރިމީހާ އަދިތްޔަ ވަނީ ޓްރެއިލާ ލޯންޗުކުރި އިވެންޓުގައި ފާހަގަކޮށްފައެވެ.
ނަމަވެސް، ޔާމީ ބުނެފައިވަނީ ފިލްމުގައި ކުޅުނު ގިނަ މަންޒަރުތައް ފުރިހަމަކަމާ އެކު ނިންމާލެވުނީ އަދިތިޔަ އަދި ފިލްމުގެ ޕްރޮޑިއުސަރުގެ ފުރިހަމަ އެއްބާރުލުން ލިބުމުން ކަމަށެވެ.
ޑައިރެކްޓަރު އަދިތްޔަ ދާރްއާ 2021ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ޔާމީ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ވެސް އަދިތްޔަގެ ފިލްމުތަކުގައެވެ. އޭގެ ތެރޭގައި، ފިލްމު "އުރީ:ދަ ސާޖިކަލް ސްޓްރައިކް" ހިމެނެއެވެ. އަލަތު ދަރިފުޅު ލިބުނުކަން ސޯޝަލް މީޑިއާގައި އިއުލާނުކުރުމާ އެކު ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވަނީ މި ދެމަފިރިންނަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ. އަލަތު ދަރިފުޅު ލިބުމަށް ފަހު ޔާމީ ފިލްމީ ދާއިރާއަށް އެނބުރި ނުކުންނާނެ އިރެއް އިއުލާނުކޮށްފައެއް ނުވެއެވެ.