21 May 2024, 15:22
މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހެޅުނު ޝަކުވާގެ ނިސްބަތް 20 އިންސައްތައަށް ދަށްކުރެވި، އެ ބޭންކާ މުޅިން އަލަށް 23،000 ކަސްޓަމަރުން ގުޅިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.
ބީއެމްއެލުން ވަނީ މިދިޔަ އަހަރުގެ ބައެއް ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެ ބޭންކުން ބުނީ، މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި، އެ އަހަރު ތެރޭގައި މުޅިން އަލަށް އެ ބޭންކާ 23،000 ކަސްޓަމަރުން ގުޅި، 66،000 އަށްވުރެ ގިނަ އާ އެކައުންޓު ހުޅުވާފައިވާ ކަމަށް ބޭންކުން ބުންޏެވެ.
މިދިޔަ އަހަރަކީ އެ ބޭންކަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބުނު އަހަރެއްކަން ބޭންކުން ފާހަގަކުރިއެވެ. އެއީ، މާލީ ގޮތުން އެ ބޭންކަށް އެންމެ ކާމިޔާބު އަހަރެވެ. އަދި، އެ ބޭންކަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތް ވަނީ 20 އިންސައްތައަށް ދަށްކުރެވިފައެވެ.

ބީއެމްއެލްގެ މުވައްޒަފުންތަކެއް: އެ ބޭންކުން ވަނީ ކަސްޓަމަރުންގެ ޝަކުވާ 20 އިންސައްތައަށް ދަށްކޮށްފައި -- ފޮޓޯ/ ބީއެމްއެލް
ކަސްޓަމަރުންގެ އިތުބާރާއި ބޭންކިން ޚިދުމަތް ހޯދަން އިޚުތިޔާރުކުރާ ބޭންކަކީ ބީއެމްއެލް ކަމުގައި ގިނަ ކަސްޓަމަރުން ނިންމުމަކީ ބޮޑު ކާމިޔާބެއް ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލުން ބުނީ، ކަސްޓަމަރުންނަށްދޭ ޚީދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވެސް އެ ބޭންކުން ގިނަ މަސައްކަތްތަކެއްކުރާ ކަމަށެވެ.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް ކަސްޓަމާ ސާވިސް، ގުލްނާޒް މާހިރު ވިދާޅުވީ، އެންމެ ޚާއްސަ ސަމާލުކަމެއް ދެނީ ފުރިހަމަ އަދި ރައްކާތެރި ބޭންކިން ޚިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ކަމަށެވެ. އެގޮތުން، ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު ކަސްޓަމަރުންގެ ފަރާތުން ހުށަހެޅޭ ޝަކުވާ 20 އިންސައްތައަށް ދަށްކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކަސްޓަމަރުންނަށް ފަސޭހަކުރުމުގެ ގޮތުން މިދިޔަ އަހަރު އެ ބޭންކުން ވަނީ ޑިޖިޓަލް ބޭންކިން އެސިސްޓެންޓު "އާޔާ" ވެސް ތައާރަފުކޮށްފައެވެ. އާޔާއަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުރިހަމަކުރަން ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖާ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭ އިންޓެލިޖެންސް ޗެޓް ބޮޓެކެވެ.
"އާޔާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭ ގޮތަށް. ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދީ އަދި ބޭނުންވެއްޖެ ހާލަތެއްގައި ކަސްޓަމާ ސާވިސް އޭޖަންޓަކާ އާޔާ ގުޅުވާލަދޭނެ،" ގުލްނާޒް ވިދާޅުވިއެވެ.

ބީއެމްއެލްގެ ޑައިރެކްޓާ އޮފް ކަސްޓަމާ ސާވިސް، ގުލްނާޒް މާހިރު: އޭނާ ވިދާޅުވީ ފުރިހަމަ އަދި ރައްކާތެރި ބޭންކިން ޚިދުމަތެއް ފޯރުކޮށްދޭން ޚާއްސަ އިސްކަމެއްދޭ ކަމަށް -- ފޮޓޯ/ ބީއެމްއެލް
އެގޮތުން، މިދިޔަ އަހަރުން ކަސްޓަމަރުން ފެށި 47،000 ޗެޓްގެ ތެރެއިން 53 އިންސައްތަ ޗެޓަށް ޖަވާބުދީފައިވަނީ އާޔާ މެދުވެރިކޮށެވެ.
"މިއިން ދައްކުވައިދެނީ ކަސްޓަމަރުން ބޭންކަށް ގުޅަން ނުޖެހި، ބޭނުންވާ ގިނަ މައުލޫމާތުތަކެއް އާޔާ މެދުވެރިކޮށް ހޯދޭނެކަން. އަދި އާޔާއާ އެކު ބޭންކުގެ ޑިޖިޓަލް މުޢާމަލާތްތަކުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދިޔަ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކުރުމުގައި ވެސް މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ 24 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފައެވެ. އެއީ، ކަސްޓަމަރުންގެ ޝަކުވާތައް ހައްލުކުރަން ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއްގެ ގޮތުގައި ގުލްނާޒް ފާހަގަކުރެއްވިއެވެ.
އޭނާ ވަނީ މި ކާމިޔާބީ ހާސިލުކުރުމުގައި ޝާމިލުވި އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ބީއެމްއެލުން ބުނީ، އެ ބޭންކްގެ އަމާޒަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ވިއުގައާއި ޒަމާނީ ބޭންކިން ޚިދުމަތާ އެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.