21 May 2024, 15:18
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރަށާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަ ވުމާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދު ރާއްޖެތެރެއަށް ވައި ބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ. އަދި ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓުން ބުނެއެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެއެވެ. ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް ވަނީ މިއަދުގެ 14:30 އިން 18:30 އަށް އެ ސަރަހައްދަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން އިލްތިމާސް ކުރެއެވެ.