މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމުން ސިނަމާލެ ބުރިޖު މަތީގައި ދަތުރުކުރާއިރު ސަމާލުވުމަށާއި ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ބުރިޖު މަތީގައި ކުޑަ ނަގައިގެން ނުދުއްވުމަށާއި ހެލްމެޓު ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ފުލުހުން އިރުޝާދު ދިނެވެ.

މީގެ އިތުރުން ފުލުހުން ވަނީ އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްގެން ދުއްވުމަށް އެދިފައެވެ.

މީގެ ކުރިން މޫސުން ގޯސްވެ ކަނޑުގަދަވުމުން، ބުރިޖު މައްޗަށް އުދަ އުރައި ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އިރުޝާދު ދީފައެވެ.

ކަނޑުތައް އާދަޔާޚިލާފަށް ގަދަވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް ސަމާލުވުމަށް މެޓްއިން ވަނީ އިލްތިމާސްކޮށްފައެެވެ.