21 May 2024, 22:18
އީރާނުގެ ރައީސް އިބްރާހިމް ރައީސީއާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުލްހައްޔާންގެ ފަސްދާނުލެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މިރޭ އީރާނަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓަރު އާދަމް ޝަރީފްގެ މި ދަތުރުފުޅުގައި ރައީސީއަށާއި ޚާރިޖީ ވަޒީރަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރައްވައި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާނެ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެ، ގެއްލިގެން ހޯދަމުންދަނިކޮށް އޭގެ ބައިތައް ފެނިފައިވަނީ އިއްޔެއެވެ. އެ ހާދިސާގައި އެ މަނިކުފާނާއި އެ ބޯޓުން ދަތުރުކުރި އެންމެން ވަނީ އަވަހާރަވެފައެވެ.
ރައީސީ އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒު ތަޢުޒިޔާ ވިދާޅުވެފައިވާއިރު، އެކަމުގެ ހިތާމައިގައި ރައީސް ވަނީ ދިވެހި ދިދަ ތިން ދުވަހަށް ބައި ދަނޑިއަށް ކުރުމަށް ނިންމަވައިފައެވެ.
ރައީސީ އަވަހާރަވުމުން، ނައިބު ރައީސް ޑރ. މުހައްމަދު މުޚްބިރު ވަނީ ވަގުތީ ގޮތުން ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގެންފައެވެ. އެގައުމުގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން، ރައީސް އަވަހާރަވެއްޖެ ނަމަ 50 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވައި އާ ރައީސަކު ހޮވަން ޖެހޭނެއެވެ.
ރައީސީގެ ހެލިކޮޕްޓަރު ވެއްޓުނީ މޫސުން ގޯސްވެ، ދުންފިނި ބޯވެފައި އޮތް ސަރަހައްދަކަށެވެ. އެއާއެކު ހެލިކޮޕްޓަރާ ގުޅުން ކެނޑުމުންނާއި ބޯކޮށް ވާރޭވެހެމުން ދިޔުމުން އުޅަނދު ހޯދުމުގެ މަސައްކަތަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެ، ދިގުލައިގެން ދިޔައެވެ.