މިދިޔަ އަހަރު ނެޓްފްލިކްއިން ގެނެސްދިން ޑައިރެކްޓަރު ޒޯޔާ އަހްތަރުގެ ފިލްމު "ދަ އާޗީސް"އިން ފިލްމީ ކެރިއަރު ފެށި ޒުވާން ބަތަލާ ހުޝީ ކަޕޫރު އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހިމް އަލީ ޚާނާ އެކު ވެސް ފިލްމަކަށް ސޮއިކޮށްފައިވާ ބަތަލާ މި ފަހަރު ސޮއިކޮށްފައިވަނީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ލީޑް ރޯލް ކުޅޭ ފިލްމަކަށެވެ. ޖުނައިދު ޚާން ވަނީ މި ފިލްމަށް ސޮއިކުރުމުގެ ކުރިން އިތުރު ދެ ފިލްމަކަށް ސޮއިކޮށް އެ ފިލްމުތަކުގެ ޝޫޓިން ނިންމައިލާފައެވެ.

ހުޝީ ކަޕޫރު އަދި އިބްރާހިމް އަލީ ޚާން--ފޮޓޯ/ފިލްމުފެއަ
ހުޝީއާ އެކު ޖުނައިދު ސޮއިކުރި ފިލްމަކީ ކުރިން މަސައްކަތްކުރި ދެ ފިލްމާ އަޅާ ބަލާއިރު މުޅީން ތަފާތު ކޮންސެޕްޓަކަށް އުފައްދާ ފިލްމެއް ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ އާމިރު ޚާންގެ ދަރިފުޅު ސިނަމާއިން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބިއިރު ހުޝީއާ ޖުނައިދުގެ އޮން ސްކްރީން ކެމިސްޓްރީ ވަރަށް ހިތްގައިމުވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ފިލްމީ ބައެއް ޚަބަރަތަކުން ބުނެފައިވާ ގޮތުގައި ޖުނައިދު ފިލްމީ ދާއިރާއަށް ނުކުންނާނީ ޔަޝް ރާޖް ކުންފުނީގެ ފިލްމު "މަހާރާޖާ"އިންނެވެ. މި ފިލްމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

ހުޝީއާ އިބްރާހީމް ސޮއިކޮށްފައިވާ ދަރުމާ ކުންފުނީގެ ފިލްމު "ނާދާނިޔާން"ގެ މަސައްކަތް ވެސް ނިމިފައިވާއިރު މި ފިލްމު ސިނަމާތަކަށް ގެންނާނެ ދުވަހެއް ވެސް އިއުލާނުކޮށްފައެއް ނުވެއެވެ. ޕިންކްވިލާއާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ ހުޝީގެ ފުރަތަމަ ފިލްމެކޭ އެއްގޮތަށް ދެވަނަ ފިލްމު "ނާދާނިޔާން"ވެސް ޕްރިމިއަ ކުރާނީ ޑިޖިޓަލް ޕްލެޓްފޯމެއްގައެވެ.