22 May 2024, 14:06
ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިދިޔަ ދެ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 12 ހާދިސާއެއް ހިނގާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން އެ އިދާރާއަށް ކޮށްފައިވާ ރިޕޯޓުތަކުގެ ތަފުސީލު ހިއްސާކޮށްފައެވެ.
މެއި 14 - ހއ. ދިއްދޫ
އެ ގޮތުން މި މަހުގެ 14 ވަނަ ދުވަހު ވަނީ ހއ. ދިއްދޫގެ ހަ ގެއެއްގެ ފުރާޅު ވަޔާ އެއްލައިލާފައެވެ. އޭގެ އިތުރުން އެ ރަށުގެ 12 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
އެ އިދާރާއިން ބުނީ، ވަޔަށް ފުރާޅު އެއްލައިލި ހަ ގޭގެ ފުރާޅު ވެސް، ދިއްދޫ ކައުންސިލާއި އެ ރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ވަގުތީ ގޮތުން މަރާމާތުކޮށްފައިވާ ކަމަށެވެ. އަދި، އެ ހަ ގޭގެ ފުރާޅަށް ވެސް ޓިނު ގަތުމަށް އެ ރަށު ކައުންސިލަށް އިރުޝާދުދީފައިވާނެ ކަމަށާއި، އެ ކަމުގެ ޚަރަދު އެންޑީއެމްއޭއިން ދޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެންޑީއެމްއޭއިން ބުނީ، އެ މަސައްކަތުގެ ދަށުން އެއް ގެއެއްގެ ފުރާޅު އެއްކޮށް ހަދައި ނިމިފައިވާ ކަމަށެވެ. އަދި، ދިއްދޫ ކައުންސިލުން ޑެމޭޖް އެސެސްމެންޓް ފޯމް ފުރާފައިވާކަން ވެސް އެ އިދާރާއިންވަނީ ފާހަގަކޮށްފައެވެ.
14 މެއި ތ. ތިމަރަފުށި
މި މަހުގެ 14ވަނަ ދުވަހު ތ. ތިމަރަފުއްޓަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ 50 ގެއަކަށްވަނީ ފެން ވަދެފައެވެ.
އެންޑީއެމްއޭއިން ބުނީ، ތިމަރަފުށީގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު 32 ގެއެއްގެ ހާލަތު އެ ރަށު ކައުންސިލުންދަނީ ބަލަމުން ކަމަށާއި، އެ ކަމުގެ މައުލޫމާތު ކައުންސިލުން އެންޑީއެމްއޭއަށް ހިއްސާކުރާނެ ކަމަށެވެ.

ކ. ގުރައިދޫގައި ފެންބޮޑުވެ، ގެއަކަށް ފެންވަދެފައި -- ފޮޓޯ: ގުރައިދޫ ކައުންސިލް
18 މެއި - ފ. ފީއަލި
މި މަހުގެ 18 ވަނަ ދުވަހު ފ. ފީއައްޔަށް ބޯކޮށް ވާރޭވެހުނު ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
އެހެންކަމުން، ވިއްސާރައިގައި އެ ރަށަށް ލިބުނު ގެއްލުމާ ގުޅިގެން ޑެމޭޖް އެސެސްމެންޓް ފޯމު ފުރުމަށް ފަހު، ހުށަހެޅުމަށް އެ ރަށު ކައުންސިލްގައި އެދިފައިވާނެ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. ނަމަވެސް، އެ ފޯމް އަދި ލިބިފައިނުވާ ކަމަށް އެ އިދާރާއިންވަނީ ފާހަގަކޮށްފައެވެ.
18 މެއި - ހުޅުމާލެ
މި މަހުގެ 18ވަނަ ދުވަހު ބާކޮށް ވާރޭވެހުމުގެ ސަބަބުން ހުޅުމާލޭ ލޮޓް 11 201ގެ ފުރަތަމަ ފްލޯއަށް ފެނުގެ އަސަރުކޮށް، ގޭތެރޭގައި ބޭނުންކުރާ ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.
އެކަމަކު، މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އެންޑީއެމްއޭއިން ދީފައެއް ނުވެއެވެ.
18 މެއި - މަރަދޫ ފޭދޫ
މި މަހުގެ 18ވަނަ ދުވަހު މަރަދޫ ފޭދޫ ޓިއުލިޕްމާގެ ފުރާޅުގެ އެއްބައި ވެސް ވަނީ ވަޔާ އެއްލައިލާފައެވެ.
އެންޑީއެމްއޭއިން ބުނީ، މި ކަމުގެ ރިޕޯޓު އައްޑޫ ކައުންސިލުން އެ އިދާރާއަށް ކޮށްފައިވާ ކަމަށާއި، އަދި ޑެމޭޖް އެސެސްމެންޓް ފޯމު ވެސް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
18 މެއި - ފުވައްމުލައް ސިޓީ
މި މަހުގެ 18ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ގެއެއްގެ ފުރާޅު ވެސް ވަނީ ވަޔާ އެއްލައިލާފައެވެ.
އެންޑީއެމްއޭއިން ބުނީ، ފުވައްމުލަކު ސިޓީ ކައުންސިލުން އެ ގޭގެ ފުރާޅު އެއްކޮށް މަރާމާތުކޮށްފައިވާ ކަމަށެވެ.
18 މެއި - ދ. ބަނޑިދޫ
މި މަހުގެ 18ވަނަ ދުވަހު ދ. ބަނޑިދޫގައި ހުންނަ ދަ ގްރީންވޯލްޑް ހައުސްގެ ފުރާޅު ވެސް ވަނީ ވަޔާ އެއްލައިލާފައެވެ.
އެންޑީއެމްއޭއިން ބުނީ، އެ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާ އެކު އެ ގޭގެ ފުރާޅު ވާގަނޑަކުން ބަނދެފައިވާ ކަމަށެވެ. އަދި، ލިބުނު ގެއްލުމާ ގުޅިގެން ޑެމޭޖް އެސެސްމެންޓް ފޯމު ވެސް އެ ރަށު ކައުންސިލުން އެންޑީއެމްއޭއަށް ފޮނުވާފައިވާ ކަމަށެވެ.

މާލޭގައި ފެންބޮޑުވެފައި އޮތް މަގެއްގައި އަންހެނަކު ހިނގާފައި ދަނީ --- ސަން ފޮޓޯ/ މުޙައްމަދު މާވީ
19 މެއި - ވ. ފުލިދޫ
މި މަހުގެ 19 ވަނަ ދުވަހު ވ. ފުލިދޫ ސެޓްލިންކް އިންޓަނެޓް އެންޓަނާ، ވައިގަދަވުމުގެ ސަބަބުން ވަނީ އެ ރަށު ކައުންސިލްގެ އީ-ސެންޓާގެ ފުރާޅު މައްޗަށް ވެއްޓިފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް، އަދި އެއްވެސް ގެއަކަށް ގެއްލުންވެފައިނުވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
19 މެއި - ސ. ފޭދޫ
މި މަހުގެ 19 ވަނަ ދުވަހު ސ. ފޭދޫ ޕަލްމަލީގޭގެ ފުރާޅުން ޓިނުގަނޑެއް ވެސް ވަނީ ވަޔާ އެއްލައިލާފައެވެ. އެންޑީއެމްއޭއިން ބުނީ، އެ ގެއަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
މެއި 19 - ށ. މާއުނގޫދޫ
މި މަހުގެ 19ވަނަ ދުވަހު ށ. މާއުނގޫދޫ ހެލްތު ސެންޓަރުގައި ހުރި ދެ ގަހެއްވަނީ ވައިގަދަވުމުގެ ސަބަބުން ވެއްޓިފައެވެ.
އެންޑީއެމްއޭއިން ބުނީ، އެމްޓީސީސީއާއި ފެނަކައިގެ އެހީތެރިކަމާ އެކު، އެ ސަރަހައްދުން އެ ދެ ގަސް ވެސް ނަގާފައިވާ ކަމަށެވެ. އަދި، ހެލްތު ސެންޓަރުގެ މަސައްކަތްތައް އަލުން ފަށާފައިވާ ކަމަށެވެ.
އެ އިދާރާއިން އިތުރަށް ބުނީ އެ ރަށުގެ އެހެން ސަރަހައްދުތަކުން ވެސް ގަސްތަކެއް ވެއްޓުނުކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.

ޖުލައި 7، 2021: މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
19 މެއި - ޅ. ނައިފަރު
މި މަހުގެ 19ވަނަ ދުވަހު ޅ. ނައިފަރުން ފަޅު ގެއެއްގެ ފުރާޅު ވަނީ ވަޔާ އެއްލާލާފައެވެ. އެންޑީއެމްއޭއިން ބުނީ، ނައިފަރު ކައުންސިލުން ޑެމޭޖް އެސެސްމެންޓް ފޯމު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
މިއަދު - ބ، އޭދަފުށި
މިއަދު ބ. އޭދަފުށީގެ ކުޑަކުދިންގެ ޕާކުގެ ފާހާނާގެ ފުރާޅާއި، އެ ރަށު ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ފުރާޅު ވެސް ވަނީ ވަޔަށް އެއްލައިލާފައެވެ. އަދި، އެ ރަށުގެ ތިން ސަރަހައްދަކުން ވަނީ، ވަޔާ ގަސްތަކެއް ވެއްޓިފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ، މާލޭގައި ވެސް ބައެއް ގަސްތައް ވެއްޓުމުގެ ހާދިސާތައްދަނީ ހިނގަމުންނެވެ.
މޫސުން ގޯސްވެ، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވުމާ އެކު މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އޮރެންޖު އިންޒާރު ވެސް ނެރެފައެވެ. މިއަދު ހެނދުނު 09:00 އިން މެންދުރު 12:00 އަށް ނެރުނު އޮރެންޖު އެލާޓު ވެސް މިހާރު ވަނީ މިއަދު ހަވީރު 16:00އާ ހަމައަށް ދިގުދަންމާލާފައެވެ.
ހުޅަނގު މޫސުން ފެށި ކޮންމެ އަހަރެއްގެ ވެސް މެއި، ޖޫން އަދި ޖުލައި މަހަކީ ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރެކެވެ. އެހެންކަމުން މޫސުން ގޯސްވުމާ ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ބަޔާންކޮށް އެންޑީއެމްއޭގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ އިރުޝާދުތަކެއް ދީފައެވެ.