22 May 2024, 18:18
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމް ފަލާހު، އަދި ސީނިއާ ޑެޕިއުޓީ ލީޑަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހަމަޖެއްސުމަށް ނިންމައިފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެމްބަރުންނާއެކު މިހާރު މުލިއާގޭގައި ކުރިއަށްދާ ބައްދަލުވުމުގައި ރައީސް، ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ޕާޓީގެ ޕީޖީއަށް ބޭފުޅުން އައްޔަން ކުރުމަށް ނަންތައް ހުށަހަޅުއްވައިފައެވެ.
މި ބައްދަލުވުމުގައި ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހުށަހަޅުއްވާފައެވެ.
ރައީސް ހުށަހެޅުއްވީ ޕީޖީ ގުރޫޕްގައި ސީނިއާ ނައިބު ލީޑަރަކާއި އިތުރު ތިން ނައިބު ލީޑަރުން ތިއްބަވާ ގޮތަށެވެ. އެ ބޭފުޅުންނަކީ:
މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް - ޑެޕިއުޓީ ލީޑަރު
- ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު - ޑެޕިއުޓީ ލީޑަރު
- ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް - ޑެޕިއުޓީ ލީޑަރު
އެ އެންމެންގެ ނަން ވެސް، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ޕީޖީ ލީޑަރަކަށް އައްޔަނުކޮށްފައިވާ ފަލާހަކީ، 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވެސް އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޕީޕީއެމް ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީ ޕީޖީގެ ސީނިއާ ޑެޕިއުޓީ ލީޑަރަކަށް އައްޔަނުކުރައްވާ ޝުޖާއު ވަނީ 18 ވަނަ މަޖިލީހުގައި ވެސް ބާރަށު ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. ނަވާރަ ވަނަ މަޖިލީހުގެ އިންތިޚާބުގައި ވެސް އޭނާ ވާދަކުރެއްވިއެވެ. ނަމަވެސް އެ އިންތިޚާބު ނާކާމިޔާބުވުމުން ފަހުން އޭނާ ވާދަކުރެއްވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާގެ ކައުންސިލަށެވެ. އެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވިއެވެ.
އެއަށްފަހު މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓަކީ ޝުޖާއުއެވެ.
ވިހި ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 74އަށް އަރާނެއެވެ. އެއީ މަޖިލިސް އިންތިޚާބަށް ފަހު ޕީއެންސީއާ ގުޅިވަޑައިގަތް ހަތް މެންބަރުން ވެސް ލައިގެންނެވެ.
ވިހިވަނަ މަޖިލީސް ހުވާކުރުން އަންނަ އަންގާރަ ދުވަހު އޮންނާނެއެވެ. ހުވާ ކުރުމަށް ފަހު، ބާއްވާ އެންމެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ސިއްރު ވޯޓެއް ނެގުމެވެ.