ފިލްމު "އާޝިޤީ2"އިން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި އެކްޓަރު އެކްޓަރު އަދިތިޔަ ރޯއި ކަޕޫރަށް މަޝްހޫރު ރާޖާއި ޑީކޭގެ ސީރީޒްއަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އެމޭޒަންގެ ކާމިޔާބު ސީރީޒް "ދަ ފެމިލީ މޭން"ގެ މޭސްތިރިން ކަމަށްވާ ރާޖާއި ޑީކޭއަކީ ޝާހިދު ކަޕޫރުގެ ފުރަތަމަ ސީރީޒް "ފަރުޒީ"ގެ ވެސް އުފެއްދުންތެރިންނެވެ. މީގެ އިތުރުން، ނެޓްފްލިކްސްގެ ކާމިޔާބު ސީރީޒް "ގަން އެންޑް ގުލާބްސް"އަކީ ވެސް މި ދެ ޑައިރެކްޓަރުންގެ އުފެއްދުމެކެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަދިތިޔާގެ ކެރިއަރުގެ ފުރަތަމަ ސީރީޒް "ދަ ނައިޓް މެނޭޖާ"ގައި އެކްޓަރު ދެއްކި ޕާފޮމެންސްއަށް ރާޖާއި ޑީކޭގެ ސަމާލުކަން ލިބި އަދިތިޔާއާ އެކު އިތުރު ޕްރޮޖެކްޓެއް ފެށުމުގެ ޝައުގުވެރިކަން މާ ކުރިން ވަނީ އުފެދިފައެވެ.

އަދިތިޔަ ލީޑް ރޯލް ކުޅުނު ފިލްމު "މަލަންގް"ގެ ބަތަލާ ދިޝާ ޕަޓާނީއާ އެކު--ފޮޓޯ/ޕިންޓްރެސްޓް
ރާޖާއި ޑީކޭ މިހާރު މަސައްކަތް ފަށާފައިވާ އެމޭޒަން ޕްރައިމްގެ ސީރީޒް "ސިޓަޑެލް:ހަނީ ބަނީ"ގެ މަސައްކަތަށް ފަހު އަދިތިޔާއާ އެކު ފަށަން ނިންމާފައިވާ ޕްރޮޖެކްޓުގެ މަސައްކަތައިގެން ކުރިއަށްދިއުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މިދިޔަ އަހަރު އަދިތިޔަ ބެލުންތެރިންނަށް ފެނިފައިވަނީ އެކްޝަން ތުރިލަ "ގުމްރާހް" އަދި ސީރީޒް "ދަ ނައިޓް މެނޭޖާ"އިންނެވެ.

އަދިތިޔަ މި އަހަރު މަސައްކަތް ފަށާފައިވާ ފިލްމު "މެޓްރޯ އިން ދިނޯ" ރިލީޒްކުރުމަށް ތާވަލުކުރެވިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ޑައިރެކްޓަރު އަނޫރާގު ބާސޫގެ މި ފިލްމަކީ، 2007ވަނަ އަހަރު ރިލީޒްކުރި ބާސޫގެ ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ ސީކުއަލްއެކެވެ. އަދިތިޔަގެ އިތުރުން ފިލްމުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ ބަތަލާ ސާރާ އަލީ ޚާން، ކޮންކަނާ ސެން ޝަރުމާ، ފާތިމާ ސަނާ ޝޭހް، ނީނާ ގުޕްތާ، އަލީ ފަޒަލް، ޕަންކަޖު ތުރިޕާތީ، އަދި އަނޫޕަމް ހޭރު ހިމެނެއެވެ.