23 May 2024, 12:48
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ހެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޒަރީރު އެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޒަރީރު މިއަދު ވަނީ ޓެކްސް ކޮމިޝަނަރުކަމާ ހަވާލުވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވައިފައެވެ.
ކުރިން ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވެސް ފުރުއްވި ޒަރީރަކީ 2000 ވަނަ އަހަރުން ފެށިގެން ޓެކްސްއާއި އޮޑިޓާ ގުޅޭ އެކިއެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ މެންބަރުންގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވާ މެންބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މަޖިލީހަށް ނަންތައް ފޮނުއްވީ މާޗު މަހުގެ 13ވަނަ ދުވަހުއެވެ.
އެގޮތުން، ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވަނީ ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު މުހައްމަދުގެ އިތުރުން، ޒަރީރެވެ.
މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީން ޔަޒީދަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. އަދި، ޒަރީރަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. އެހެންވެ، މަޖިލީހުން ރުހުންދިނީ ޓެކްސް ކޮމިޝަނަރުކަމަށް ޒަރީރު އައްޔަންކުރާށެވެ.
ޒަރީރު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝީއާ (އައިއައިޔޫއެމް)ގައި ބެޗެލާ އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސްއިން ޑިގްރީ ހާޞިލުކުރައްވާފައެވެ. އަދި، އޭނާ ވަނީ އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ)އާއި އޮސްޓްރޭލިއާގެ ސެޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓްގެ ކޮލިފިކޭޝަން ހާސިލުކުރައްވާފައެވެ.