23 May 2024, 22:32
މި އަންނަ ޖުލައި މަހު އުރީދޫ އިން ލާމު އަތޮޅު ގަމުގައި ބޭއްވުމަަށް ހަމަޖެހިފައިވާ "ފަން ރަން" ނުވަތަ އެންމެ އުފާވެރި ދުވުމުގައި ގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިގޮތުން ފަން ރަން ލާމުގައި ބޭއްވުމަށް އުރީދޫ އިން ނިންމާފައިވަނީ މި އަންނަ ޖުލައި މަހު ފަސް ވަނަ ދުވަހެވެ. އުރީދޫ "ފަން ރަން"ގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
އުރީދޫ އިން ބުނީ އުރީދޫ "ފަން ރަން"ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.
ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނެއެވެ. އެގޮތުން، ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ފަދަ ހަރަކާތެއް ކަމަށް ބުންޏެވެ.

އުރީދޫ ފަން ރަން ޖުލައި މަހު ލާމުގައި ބާއްވަނީ--އުރީދޫ
"ލާމު އަތޮޅަށް ފަން ރަން ގެންދިއުމުގެ އެންމެ ބޮޑު އެއް މަގުޞަދަކީ ހުރިހާ އުމުރުފުރާއެއްގެ މީހުނަށް މަޖާ އަދި ގުޅުން ބަދަހި ކުރެވޭފަދަ ހަރަކާތެއް ބޭއްވުން. މިއީ ހަމައެކަނީ ދުޅަހެޔޮ ސިއްހަތަށް ކުރާ ކަމެއް ނޫން، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އެންމެނަށް ބައިވެރިވެވޭ ކަހަލަ ހަރަކާތްތައް ބޭއްވުމަކީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރާ ކަމެއް. މި އުފާވެރި ހަރަކާތުގައި ގިނަ ފަރާތްތަކުން ބައިވެރިވާނެކަމަށް އުއްމީދުކުރަން،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫ "ފަން ރަން"ގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ އިން ބުނީ "ފަން ރަން" ލާމުގެ ކިޓުތައް ދެ ކެޓަގަރީއަކުން ލިބެން ހުންނާނެކަމަށެވެ. އެއީ، ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ.
އެގޮތުން، 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 5،000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މިފަހަރު ޖުލައި ގައި ލާމުގައި ބާއްވާ އުރީދޫ "ފަން ރަން" ވެގެން ދާނީ މިއަހަރު ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށެވެ.
އުރީދޫގެ"ފަން ރަން" ލާމު އެޑިޝަންގައި ރަޖިސްޓްރީވުމަށް އުރީދޫއިން ވަނީ އެދިފައެވެ.