24 May 2024, 11:52
ދުނިޔެއިން ނެތި ގޮސްފައިވާ ދޫންޏެއްގެ ފިޔައެއް 28،417 ޑޮލަރަށް ވިއްކާލައިފިއެވެ.
ނިއުޒީލެންޑްގެ ނީލަން ފިހާރަ، އެބްސް އޮކްޝަން ފިހާރައިން ބުނީ، އެ ފިޔަ ވިކޭނެ ކަމަށް ކުރިން ލަފާކުރީ 1800 ޑޮލަރަށް ކަމަށެވެ.
އެ ރިކޯޑު ކުރިން އޮތީ 2010 ވަނަ އަހަރު ވިއްކާލީ ހަމަ އެ ވައްތަރުގެ އެހެން ދޫންޏެއްގެ ފިޔައަކާ ގުޅިފައެވެ. އެ ފިޔަ ވިއްކައިލާފައި ވަނީ 5،150 ޑޮލަރަށެވެ.
ހުއިހާ ނަމަކަށް ކިޔާ އެ ދޫނި އެންމެ ފަހުން ފެނުނުކަން ކަށަވަރުވީ 1907 ވަނަ އަހަރުއެވެ.
ނަމަވެސް، އޭގެ ފަހުން ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެއީ ހުއިހާ ދޫނިކަން ރަނގަޅަށް ޔަގީންނުވާ އެތައް ފަހަރަކު އެ ދޫނި ފެނިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ރިކޯޑު އަގަކަށް ވިއްކާލި އެ ފިޔަ އޮތީ އެއްވެސް ވަރަކަށް ހަލާކުނުވެ ކަމަށް ނީލަން ފިހާރައިން ބުނެއެވެ.