24 May 2024, 19:38
އިސްރާއީލުގެ އަަސްކަރީ ބާރުތަކުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގެ ތެރެއިން މިހާރު ރަފަހް ސަރަހައްދަށް ދެމުން އަންނަ ހަމަލަތައް ވަގުތުން ހުއްޓައިލަން އދ.ގެ އެންމެ މަތީ ކޯޓުކަމަށްވާ އިންޓަނޭޝޭނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިރޭ އަމުުރުކޮށްފިއެވެ.
އައިސީޖޭއިން ވަނީ އިސްރާއިލުގެ ލާއިންސާނީ ފައުޖުތަކުން ރަފަހުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ވެސް އަމުރުކޮށްފައެވެ. އެގޮތުން ބޯޑަރުތައް ހުޅުވަން ފުރުސަތު ދީ، އެހީ ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނޭޅޭނެހެން ފުރުސަތު ދިނުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ހަމައެއާއެކު ޣައްޒާގެ ހާލަތު ތަހުގީގުކުރާ ފަރާތްތަކަށް ރައްކާތެރިކަމާއެކު ޣައްޒާ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމަށް ވެސް އައިސީޖޭއިންވަނީ އަމުރުކޮށްފައެވެ.

ފަނަރަ ފަނޑިޔާރުން ހިމެނޭ އައިސީޖޭގެ ރައީސް ނަވާފް ސަލާމް: ފޮޓޯ/ ރޮއިޓާޒް
ފަނަރަ ފަނޑިޔާރުން ހިމެނޭ އައިސީޖޭގެ ރައީސް ނަވާފް ސަލާމް ވިދާޅުވި ގޮތުގައި، މިހާރު ހާލަތު އޮތީ އިތުރު އަމުރެއް އެ ކޯޓުން ނެރެންޖެހޭ ހިސާބުގައެވެ. އެ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރަކު ރަފަހް ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
އައިސީޖޭގެ މިއަދުގެ އަމުރާ ގުޅިގެން ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ވަނީ އައިސީޖޭއިން އަމުރުކުރަންވީ ހަމައެކަނި ރަފަހްގައި ހިންގަމުން އަންނަ ލާއިންސާނީ ހަަމަލަތައް ހުއްޓައިލަން ނޫން ކަމަށެވެ. މުޅި ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމު ވަގުތުން ވަގުތަށް ހުއްޓައިލަން އަމުރު ނެރުމަށް އެ ޖަމާއަތުންވަނީ ގޮވައިލައިފައެވެ.
އައިސީޖޭއިން މިއަދުކުރި އަމުރަކީ މި އަހަރު އެ ކޯޓުން، މި ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށާއި މީހުން ޒަޚަމްވާ މިންވަރު މަތިވާތީ އެ ކަމަށް ދެކޮޅަށް ނެރުނު ތިންވަނަ އަމުރެވެ. ނަމަވެސް ކިތަންމެ އަމުރެއް ކުރި ނަމަވެސް އެ އަމުރުތައް ތަންފީޒުކުރުވުމަށް ޓަކައި އެ ކޯޓަށް ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ.
އިސްރާއިލުން ރަފަހަށް ހަމަލަތައް ދޭން ފެށީ މި މަހުގެ ތެރޭގައެވެ. އޭގެ ސަބަބުން އެތައް ލައްކަ މީހުންނަށް އެ މީހުންގެ ގެދޮރު ދޫކޮށް ފިލަންވަނީ މަޖުބޫރުވެފައެވެ. ރަފަހް ސަރަހައްދަކީ މިހާރު ވެސް ރެފިއުޖީންގެ ގޮތުގައި ތިބި 2.3 މިލިއަނެއްހާ މީހުން ސަލާމަތްވުމަށް ގޮސް ތިބި އެއް ސަރަަހައްދެވެ.